ﷲ ނޫން އެއްވެސް ފަރާތެއް ދެކެ ބިރު ނުގަންނަ ކަމަށް، އިސްރާއީލުގެ ތެލް އަވީވަށް ބަޑީގެ ހަމަލާދިން ފަލަސްތީނު މުޖާހިދު ރައާދު ޚާޒިމްގެ ބައްޕަ ފާތީ ޚާޒިމް ބުނެފިއެވެ.
ފާތީ ޚާޒިމް މިހެން ބުނެފައިވަނީ، އޭނާ ހޯދުމަށް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ ކޭމްޕްގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންގެންދާތީ އެކަމާ ގުޅިގެންނެވެ.
ޚާޒިމް ބުނީ، ފަލަސްތީނުގެ ބިމުގެ ދިފާއުގައި އެމީހުން އެމީހުންގެ ދަރިން ގުރުބާން ކޮށްފައިވާ ކަމަށާއި، އިސްރާއީލުން ކުރިމަތިކުރާ ދުއްތުރާތަކާއި، ދޭ އިންޒާރުތަކަށް ބިރު ނުގަންނަ ކަމަށެވެ. ނުވެސް ސިހޭނެ ކަމަށެވެ. ބިރު ގަންނަނީ ހަމައެކަނި ﷲ ދެކެ ކަމަށްވެސް އޭނާ ބުންޏެވެ.
ތެލް އަވީވަށް ބަޑީގެ ހަމަލާދިން ރައާދު ޚާޒިމް، އިސްރާއީލު ސިފައިން ފަހުންވަނީ ޝަހީދުކޮށްލާފައެވެ.
ފާތީ ޚާޒިމް ބުނީ، ޖެނީން ކޭމްޕްގައި އޭނާގެ އެހެން ފިރިހެން ދަރިފުޅަކާއި، އަންހެނުން ދަތުރުކުރި ކާރު ފަހައި އިސްރާއީލު ސިފައިން ދުއްވައި ކާރަށް ބަޑިވެސް ޖަހާފައިވާ ކަމަށެވެ.
އަނެއްކޮޅުން، ތެލް އަވީވް ހަމަލާދިން ޒުވާނާގެ އާއިލާގެ ގެ ތަޅައި ސުންނާފަތިކުރާނޭކަން އިސްރާއީލުން އިއްޔެ އަންގާފައި ވެއެވެ.
އެކަމާހެދި، ޖެނީން ކޭމްޕްގެ ޒުވާނުން މިހާރުވަނީ، ޖެނީން ކޭމްޕަށް ވަންނަ މައި ގޭޓު ބަންދުކޮށް އިސްރާއީލުގެ އުދުވާނީ ސިފައިންނަށް ހުރަސްއެޅުމުގެ މަސައްކަތް ފަށާފައެވެ.
ގުދުސްގެ އިރުމަތީ އައްތޫރު، ހުޅަނގު އައްސޭރީގެ ބައިތާ، އިރުމަތީ ނާބުލުސްގެ ބައިތު ފޫރިކްގައި ޖެނީން ކޭމްޕްގެ ރައްޔިތުންނަށް ތާއީދުކޮށް އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެކޮޅު ހަރަކާތްތައް ފަށާފައި ވާއިރު، ހުޅަނގު އައްސޭރީގެ އެހެން ރަށްތަކުގައިވެސް އިސްރާއީލު ސިފައިންނާ ކުރިމަތިލުންތައް ވަނީ ފެށިފައެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން އިއްޔެވަނީ ފަލަސްތީނުގެ ދެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ.
ބައިތުހަލުމްގައި ބަޑީޖަހައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 47 އަހަރުގެ ޣަދާ ސަބަތީން ނަމަކަށްކިޔާ އަންހެނެކެވެ.
ހަބްރޫންގެ އަލް-އިބްރާހީމީ މިސްކިތް ކައިރިން ޝަހީދު ކޮށްލާފައިވަނީ މަހާ އައްޒަރާރީ ނަމަކަށްކިޔާ އުމުރުން 35 އަހަރުގެ އަންހެނެކެވެ. އެއީ 6 ކުދިންގެ މަންމައެކެވެ.
ޖެނީންގައި އިސްރާއީލު ސިފައިން އިއްޔެ ބަޑިޖަހައި ޒަޚަމްކޮށްލި ޒުވާނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިހާރުވެސް ގެންދަނީ، ޖެނީންގެ ކޭމްޕްގެ އެކި އަވަށްތައް ރެއިޑްކޮށް އެތައް ޒުވާނުން ހައްޔަރު ކުރަމުންނެވެ. އަދި މަގުމަތިން ފެންނަހާ ބައެއްގެ ގަޔަށް ބަޑިޖަހަމުންދާ ކަމަށް ފަލަސްތީނުގެ މީޑިއާއިން ބުނެއެވެ.