ޕާކިސްތާނުގެ އައު ބޮޑުވަޒީރަކަށް ޕާކިސްތާން މުސްލިމް ލީގް-ނަވާޒް ޕާޓީގެ ކެންޑިޑޭޓް މިއާން މުހަންމަދު ޝަހްބާޒް ޝަރީފް އިންތިޚާބު ކޮށްފިއެވެ.

ޕާކިސްތާނުގެ އައު ބޮޑުވަޒީރުގެ މަގާމަށް ޝަހްބާޒް ޝަރީފް އިންތިޚާބު މި ކުރެވުނީ، ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ޕާލަމެންޓުން އިއްޔެރޭ ފާސްކުރުމަށް ފަހުގައެވެ.

އައު ބޮޑުވަޒީރަކު އިންތިޚާބު ކުރުމަށް ޕާލަމެންޓް މިއަދު ބައްދަލު ކުރިއިރު، ބޮޑުވަޒީރުކަމަށް ކުރިމަތި ލައްވާފައިވަނީ ޕާކިސްތާން މުސްލިމް ލީގް–ނަވާޒް ޕާޓީން ޝަހްބާޒް ޝަރީފާއި، އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީގެ ފަރާތުން ޝާހް މަހްމޫދު ގުރެއިޝީއެވެ.

ޝާހް މަހްމޫދު ގުރެއިޝީ ހިމެނިވަޑައިގަންނާ ގޮތުން ވޯޓުނެގި ޖަލްސާ ފެށުމުގެ ކުރިން ޕާލަމެންޓުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ ހުރިހާ މެމްބަރުންވަނީ ޖަލްސާ ބޮއިކޮޓް ކުރައްވައި ނުކުމެވަޑައި ގެންފައެވެ.

އެހެންކަމުން، ބޮޑުވަޒީރުކަމަށް ވާދަކުރައްވާފައިވަނީ ޝަހްބާޒް ޝަރީފް އެކަންޏެވެ.

އޭނާ ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި، 174 މެމްބަރުން ޝަހްބާޒް ޝަރީފަށް ވޯޓު ދެއްވިއެވެ.

މަގާމަށް އިންތިޚާބު ކުރުމާއެކު އޭނާވަނީ ޕާލަމެންޓްގައި ބޮޑުވަޒީރަށް ޚާއްސަ ކުރެވިފައިވާ ގޮނޑިކޮޅަށް ވަޑައިގެންފައެވެ.

ޝަހްބާޒް ޝަރީފް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ޕާކިސްތާނު ގަޑިން މިރޭ 9:00 ގައި ކަމަށް ވެއެވެ.

ޝަހްބާޒް ޝަރީފް ވެވަޑައިގަންނަވާނީ ޕާކިސްތާނުގެ 23 ވަނަ ބޮޑުވަޒީރަށެވެ. އޭނާއަކީ ޕާކިސްތާނުގައި ކުރިން 3 ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ނަވާޒް ޝަރީފްގެ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޯފުޅެވެ.

ތަހްރީކޭ އިންސާފު ޕާޓީގެ ފަރާތުން ބޮޑުވަޒީރު ކަމުގެ މަގާމަށް ނަން ހުށަހެޅި ކުރީގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރެއިޝީ ވިދާޅުވީ، ޕާލަމެންޓުން ޝަހްބާޒް ޝަރީފް ބޮޑުވަޒީރުކަމަށް އިންތިޚާބު ކޮށްފިނަމަ ތަހްރީކޭ އިންސާފު ޕާޓީގެ ހުރިހާ މެމްބަރުން ޕާލަމެންޓު މެމްބަރު ކަމުންވެސް އިސްތިއުފާ ދެއްވަން ނިންމާފައިވާ ކަމަށެވެ.

ސަބަބެއް ކަމަށް ވިދާޅުވީ، ޝަހްބާޒް ޝަރީފަކީ އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ މަނީލޯންޑަރިންގެ ތުހުމަތު ކުރެވި ތަހްގީގީ މަރްހަލާގައި ހުންނެވި ބޭފުޅެއް ކަމުންނެވެ. ކޯޓުން އޭނާ ދޫކޮށްލާފައި ހުރީ ކޯޓުގައި ފައިސާ ބަހައްޓައިގެންނެވެ.

ޕާލަމެންޓް މެމްބަރު ކަމުން އިމްރާން ޚާން މިއަދުވަނީ އިސްތިއުފާ ދެއްވާފައެވެ. އިމްރާން ވިދާޅުވެފައިވަނީ "ވަގުން" ތިބޭ މަޖިލީހެއްގައި ހުންނަވަންވެސް ބޭނުންފުޅު ނުވާކަމަށެވެ.