އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ދެވަނަ ބުރުގެ މެޗަށް، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ކުޅުމަށް އެގައުމަށް ދިއުމުގައި ހިނގައިދިޔަ ކަންތައްތަކުގައި ރާއްޖޭގެ ކްލަބް ވެލެންސިއާ އިން އިހުމާލުވެފައިވާ ކަމަށާއި، އެހެންކަމުން އެކުލަބަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރާއްޖޭގެ ކުޅިވަރާބެހޭ ވުޒާރާއިން ދީފިއެވެ.

ވީނިއުސް އަށް މައުލޫމާތު ދެމުން އިތުބާރުހުރި މަސްދަރަކުން ވަނީ ވެލެންސިއާ އަށް ކޮލިފިކޭޝަން މެޗަށް ނުފުރުނީ އެކުލަބަށް ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ކަމަށް ބުނެފައެވެ. އެގޮތުން ދަތުރުގައި އެކަމަޑޭޝަން އާއި ކެއިން ބުއިމުގެ ޚަރަދު ބެލެހެއްޓޭނެ ގޮތެއް ނެތްކަން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ކުޅިވަރު ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ވާހަކަތަކެއް ކަމުގެ ހަގީގަތް އޮޅޭގޮތަށް ދައްކާ މީޑިއާތަކަށް މައުލޫމާތު ދީފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި މިމަހުގެ 12 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަށް ދަތުރުކުރުމަށް، ޓީމުގެ އެކޮމޮޑޭޝަން ފައިސާ ހަމަޖައްސައިދިނުމަށް ވެލެންސިއާ އިން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ކަމަށާއި، މިއީ އޭއެފްސީ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ރާއްޖޭގެ ކުލަބަކަށް ލިބިފައިވާ ފުރުސަތަކަށް ވާތީވެ މިނިސްޓްރީގެ ފަރާތުން އެކުލަބަށް މިކަމުގައި އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން ޖުމްލަ 27 ފަރާތެއްގެ ޓިކެޓަށް 28،809 (އަށާވީސް ހާސް އަށްސަތޭކަ ނުވަ) އެމެރިކާ ޑޮލަރާއި، އެކޮމޮޑޭޝަންގެ ކަންކަމަށް ބޭރުންވާ 4731.36 (ހަތަރު ހާސް ހަތް ސަތޭކަ ތިރީސް އެއް ޑޮލަރު ތިރީސް ހަ ސެންޓް) ހިމެނޭހެން ޖުމްލަ 33،540.36 އެމެރިކާ ޑޮލަރު ވެލެންސިއާ އަށް ދިނުމަށް މިނިސްޓްރީން ނިންމި ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް މި ފައިސާ ޖަމާކުރުމަށް މިމަހުގެ 7 ވަނަ ދުވަހު މަސައްކަތް ކުރިއިރު، ކުލަބުގެ އެކައުންޓެއް ނެތުމުން އެކަން ކުރަން ހުރަސްތަކެއް ހުރުމުން، އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްގެން އެ އެސޯސިއޭޝަން މެދުވެރިކޮށް ވެލެންސިއާ އަށް ދިނުމަށް މަސައްކަތް ކުރިކަމަށްވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ވަގުތުން ވަގުތަށް ފައިސާ ނަގައިދިނުމަކީ ކުރެވޭނެ ކަމަކަށް ނުވާއިރު، އާންމު އުސޫލެއްގެ ގޮތުން ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން ފައިސާ ޖަމާވާނީ ޕޯސްޓު ކުރާތާ 14 ދުވަސް ފަހުން ކަމަށްވުމާއެކު، މިގޮތަށް މުބާރާތްތަކަށް ހިނގާ ޚަރަދުތަކަށް މިނިސްޓްރީން ރިއިމްބާސް ކުރާ ގޮތަށް މި ޚަރަދުތަކަށް ޒިންމާވަނީ ކުލަބުތަކުން ކަމުގައި މިނިސްޓްރީން ބުނެފައިވެއެވެ.

މާކުރިން ޝެޑިއުލް ކޮށް، ފުރަން ޖެހޭ ދުވަހުގެ މައުލޫމާތުވެސް ލިބިފައިވާއިރު، ކުރީބައިގައި މިފަދަ ކަންކަން ހަމަ ނުޖެއްސުމާއި، ފުރަން 24 ގަޑީރަށް ވެފައިވާއިރުވެސް، ބިދޭސީ ކުޅުންތެރިންގެ ވިސާގެ ކަންކަންވެސް ވެލެންސިއާ އިން ހަމަޖައްސާފައި ނުވާތީވެ އެކަމާ ހިތާމަކުރާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހާއްސަކޮށް ކުލަބުތަކަކީ ގާނޫނުން ބާރު ލިބިދޭ އަމިއްލަ މިނިވަން ޝަހްސުތަކަކަށްވާއިރު، މިފަދަ އިދާރީ ކަންކަން ހަމަޖެއްސުމަކީ އެކުލަބެއްގެ އަމިއްލަ ޒިންމާއެއް ކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މިއީ މިނިސްޓްރީން ހަމަޖައްސަންޖެހޭ ކަންކަން ނޫންކަންވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ވެލެންސިއާ އިން އެދުނު ގޮތަށް މިމަހުގެ 10 ވަނަ ދުވަހު ޓީމު ފުރާގޮތަށް މިނިސްޓްރީން ޓިކެޓު ނަގައިދީފައިވާއިރު، އެކުލަބުން މިދަތުރު ކޮށްފައިވ ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި، މިއީ ނޮން ރިފަންޑަބަލް ޓިކެޓެއްކަމުން، މިކަމުގައި މާލީގޮތުން ގެއްލުން ކުރިމަތިވެފައިވާކަން ދޭހަވާގޮތަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ފުރަތަމަ ޑިވިޝަން ކުލަބުތަކަށް ދޫކުރަމުން އަންނަ ފައިސާގެ ތެރެއިން ވެލެންސިއާ އަށް ދޫކުރާ ފައިސާ، ކުރިއަށް އޮތްތަނުގައި ދޫކުރާނީ ޓިކެޓަށް ޚަރަދުކުރި 28،809 (އަށާވީސް ހާސް އަށްސަތޭކަ ނުވަ) އެމެރިކާ ޑޮލަރު އުނިކުރުމަށްފަހު ކަމުގައި ބުނެފައިވެއެވެ.

އަދި ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ލިބޭ މިފަދަ ފުރުސަތެއް ގެއްލުމަކީ ރާއްޖޭގެ ކުޅިވަރަށް ލިބޭ ފޫނުބެއްދޭނެ ވަތުގެ ގެއްލުމެއް ކަމަށްވާތީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީގެ ބަޔާނުގައި ދީފައިވެއެވެ.

މެޗަށް ނުދާން ވެލެންސިއާ އިން ނިންމާފައިވާއިރު، މިއީ އޭއެފްސީގެ މުބާރާތަކުން ފުރުސަތު ލިބި، ރާއްޖޭގެ ކުލަބަކުން މުބާރާތަށް ނުދާން ނިންމި ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ޕްރިލިމިނަރީ ދެވަނަ ބުރުން ވެލެންސިއާ އަށް ފުރުސަތު ލިބުނީ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ވެލެންސިއާ އަށް އަބަހާނީ މެޗަށް ނުފުރުނުއިރު، ވެލެންސިއާ އަށް މެޗު ކުޅެން ބަންގްލަދޭޝަށް ނުދެވިއްޖަނަމަ އެޓީމު މެޗުން ބަލިވީ ކަމަށް ނިންމާ، ކޮލިފައިންގެ ޕްލޭ އޮފް މެޗުން އަބަހާނީ އަށް ފުރުސަތު ލިބޭނެއެވެ. އަދި މިކަމުގެ ސަބަބުން އޭއެފްސީ އިންވެސް ވެލެންސިއާ އާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އެބައޮތެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ.