އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް 2022ގެ ކޮލިފިކޭޝަންގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނެނީ އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާން އެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ.

މިއީ އޭޝިއާ ފުޓްސަލް މުބާރާތެއްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމެއް ވާދަކުރާނެ ފުރަތަމަ ފަހަރެވެ. އޭޝިއަން ކަޕަށް ކޮލިފައިނީ ކޮލިފިކޭޝަން މެޗުތައް ނިމޭއިރު އެ ގުރޫޕެއްގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެޓީމެވެ. މުބާރާތް އޮންނާނީ މި އަހަރު ފަހުކޮޅުގައި ކުވޭތުގައެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ ކުޅުނީ ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އަދި މި ސަރަހައްދުގެ އެއްވަނައިގައި އޮތް އީރާނާއި ދެކޮޅަށެވެ. މިމެޗުން ރާއްޖޭގެ މައްޗަށް އީރާންގެ ފުޓްސަލް ޓީމުން ކުރިހޯދީ 0-17 ގެ ނަތީޖާއަކުންނެވެ.

އެމެޗުގެ ނަތީޖާ އާއިއެކުވެސް ރާއްޖެއަށް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުތަނުން ހަނިވިއިރު، ދެވަނަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކުރީ 1-7 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކިރްގިސްތާނުން ވަނީ ތިން ލަނޑު ޖަހާފައެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ އިސަބެކޮވް އަޒަމަތް އާއި ޑޮލޮޓްކެލްޑިއެވް އަޒަމާގެ އިތުރުން ޒޮލްޑުބައެވް މާލެން އެވެ.

އެޓީމުން ދެން ޖެހި ހަތަރު ލަނޑަކީ ދެވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުތަކެކެވެ. އެގޮތުން އަބްދީޒަލީލް އޫލު އައިދަރްބް ދެެލަނޑު ކާމިޔާބު ކޮށްދިން އިރު ދަނިއާރް އޫލޫ އަބްދުއްރަކްގެ އިތުރުން އަބްދްރަސުލް އޫލޫ މަނާސް ވަނީ ކޮންމެ ކުޅުންތެރިއަކު ލަނޑެއް ކާމިޔާބު ކޮށްފައެވެ.

މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ހުސެއިން ޝަރީފް (އޮންލީ) އެވެ. މިއީ ހުޒެއިފަތު (ހުޒޭ)ގެ ޕާހަކުން އޮންލީ ކާމިޔާބުކުރި ލަނޑެކެވެ.

ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ ތުރުކެމިނިސްތާނާއި ދެކޮޅަށެވެ.

މި ގުރޫޕުގެ ނަތީޖާތަކަށް ބަލާލާއިރު މިއަދު ހަވީރު ކުޅުނު މެޗުގައި އީރާން އިންވަނީ ތުރުކެމިނިސްތާނުގެ މައްޗަށް ކުރިހޯދާފައެވެ. މިއާއެކު ރާއްޖެ އޮތީ ގުރޫޕުގެ ފުލުގައި ދެމެޗުންވެސް ބަލިވެ ބައިކޮޅަށް 24 ލަނޑު ވަދެގެންނެވެ. މިއަދުގެ މެޗުން ރާއްޖެ އަތުން މޮޅުވީ ކިރްގިސްތާން އޮތީ ތިންވަނައިގައި ކުޅުނު ދެމެޗުން ތިން ޕޮއިންޓާއި ފައިދާ 4 ލަނޑާއެކުއެވެ. ދެވަނައިގައި ތުރުކެމިނިސްތާން އޮތީ ދެމެޗުން ތިން ޕޮއިންޓާއި ފައިދާ ހަތަރު ޕޮއިންޓާއެކުއެވެ. ކިރްގިސްތާނުގެ މައްޗަށް ތުރުކެމިނިސްތާނަށް ކުރި ލިބޭނީ ހެޑް-ޓު-ހެޑް ނަތީޖާއިންނެވެ. އެއްވަނައިގައި ވަރުގަދަ އީރާން އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއި ފައިދާ 20 ލަނޑާއެކުއެވެ.