ސީރިއާއަށް ހަނގުރާމައަށް ގޮސް އުޅުމުގެ ތެރޭގައި ހާލުގައި ޖެހިފައިވަނިކޮށް ރާއްޖެ ގެނައި އާއިލާގެ ބަންދުގެ މައްދަތު އަށް މަސް ދުވަހަށް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައި މި އާއިލާ އިދާރީ ބަންދެއްގައި ބޭތިއްބުމަށް އެންމެ ފުރަތަމަ އަމުރުކުރީ މަސް ދުވަހަށެވެ.

އެ މީހުން އިދާރީ ބަންދެއްގައި ތިބުމަށް އަމުރުކޮށްފައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖެއަށް އަނބުރާ އަންނަ ދިވެހި ހަނގުރާމަވެރިންނާމެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގެ ދަށުންނެވެ.

އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ. އެ އަންހެން މީހާ ހަނގުރާމައަށް މީގެ ނުވަ އަހަރު ކުރިން ފިލައިގެން ދިޔައީ ދެ ދަރިން ގޮވައިގެންނެވެ. އެކަމަކު އިތުރު ދެ ކުދިން އެ ގައުމުގައި ހުއްޓައި ލިބިފައިވެއެވެ.

ކޯޓުގައި އޭނާ ބުނެފައި ވަނީ އެއީ ހަލާލު ގޮތުގައި ހޯދާފައިވާ ކުދިން ކަމަށެވެ.

އޭނާ ބުނެފައި ވަނީ ކުދިން ގޮވައިގެން އޭނާ އުޅެމުން ދިޔައީ ހަނގުރާމަވެރި ހިސާބެއްގައި ކަމަށެވެ.

އެ އާއިލާ ރާއްޖެ ގެނައުމަށްފަހު ހޯމް މިނިސްޓްރީ އިން ބުނެފައި ވަނީ މިއީ ހަނގުރާމަތަކަށް ދިޔަ ދިވެހި އާއިލާތައް ފުރާނައަށް ނުރައްކާވާ ވަރަށް ގޮސްފައިވާތީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ޒިންމާދާރު ދިވެހީންގެ ގޮތުގައި އަލުން މުޖުތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ރާއްޖެއިން ބޭރުން ގެނައި ފުރަތަމަ އާއިލާ ކަަމަށެވެ.