ބީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށްވެސް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފްކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

'ބީއެމްއެލް ރިވާޑްސް' ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑުވެސް ގަނެވޭނެއެވެ. މި ގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން އީމެއިލް މެދުވެރިކޮށް ފޮނުވަމުންދާކަމަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެކަމަށް ސއީދު ވިދާޅުވިއެވެ.

ބީއެމްއެލް ރިވާޑްސް އަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބީއެމްއެލް ރިވާޑްސް އާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.