ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި އެކި ކުންފުނިތަކުން 6 މިލިއަނަށްވުރެ ރުފިޔާ ނަގާފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލިޑަރު އާދަމް ޝަރީފް ވިދާޅުވީ ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި މިކަމަކީ ސަރުކާރުން ބެލެން ޖެހޭނެ ކަމެއް ކަމަށެވެ.

ފްލެޓްތައް ލިބުނު ފަރާތްތަކާއި ދޭތެރޭގަ ސަރުކާރުން ޖެއްސުންކުރާ ސިޔާސަތުތަކެއް ފެންނަ ކަމަށާއި އެގޮތުން ފްލެޓްތައް ހަވާލުކުރުމަށްފަހު އަދި އޭގެ ފަހުން ތަނަށް ކުލި ދެއްކުމުގައިވެސް ގެންގުޅޭ ބަހަނާއަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެންނަށް މިހާތަނަށް އެއްކުރެވުނު މައުލޫމާތައް ބަލާއިރު ގާތްގަނޑަކަށް 6 މިލިއަނެއްހާ ރުފިޔާ ވަނީ މި ޚިޔާނާތުގެ ތެރޭގަ އެކި ކުންފުނިތަކުން ނަގާފައެބަވޭ. އަދި އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތައް ބަލާއިރު ގާތްގަނޑަކަށް 70 ވަރަކަށް އާއިލާ މި މައްސަލަތައް ކުރިމަތިވެފަ އެބަހުރި. މީގެ ތެރޭގަ ގިނައީ އެއްގޮތަކަށްވެސް ކުންފުނިތަކުން މިހާރު ޖަވާބުދާރީވެސް ނުވާ އަދި އެ ކުންފުނިތަކުން އެހެން ކުންފުނިތަކަށް މަސައްކަތް ހަވާލުކޮށް ނުވަތަ އެކަހަލަ އެތައް އޮޅުވާލުންތަކެއްގެ ތެރެއިން ގޮސްފަ ހުރި މައްސަލަތަކެއް. މިކަންކަން މިހެން ހުރީމަ އަޅުގަނޑުމެން ބޮޑަށް މިއަދު ބޭނުންވީ ރައްޔިތުންނަށްވެސް އަދި ސަރުކާރުގެވެސް ސަމާލުކަމަށް މިކަން ގެންނަން. މިގޮތަށް ހުރި ކުންފުނިތަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް."
ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު

އެހެންނަމަވެސް މި ކުންފުނިތަކާ ސަރުކާރާ މަޖިލީހުގެ ބައެއް މެމްބަރުންގެވެސް ހިއްސާ އެބައޮތް ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުން ހުންނަ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން އެއާއި ދޭތެރޭގަ ވަކާލާތު ކުރުމުގެ ފުރުސަތު މަލްޓިޕާޓީ ޑިމޮކްރަސީގެ ރީތި އުސޫލުން އޮންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުވެސް ވިދާޅުވި ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންވެސް އެ ތަނުގެ ކުލި ކުޑަކުރުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް އެޗްޑީސީން ގަބޫލުކުރާ ގޮތުގައި އެފަދަ ވާހަކަތައް ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.