މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ގެ މެންބަރުކަން ލިބުނު ފުރަތަމަ ރަށު ކައުންސިލަކަށް އަރި އަތޮޅު ތޮއްޑޫ ކައުންސިލް ވެއްޖެއެވެ.
ދާދިފަހުން އެމްއެމްޕީއާރުސީގެ މެންބަރުންގެ ގޮތުގައި ރަށު ކައުންސިލްތައް ހަމަޖައްސަން ވަނީ ނިންމާފައެވެ. އެ ގޮތަށް ހަމަޖެއްސުމާއިއެކު މެންބަރުކަން ލިބުނު ފުރަތަމަ ރަށު ކައުންސިލކަށް ވެފައި ވަނީ އއ. ތޮއްޑޫއެވެ. ތޮއްޑޫއަކީ ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ރަށުގައި ޖުމުލަ 50 ގެސްޓްހައުސް ހުރެއެވެ.
މިކަމާ ގުޅޭގޮތުން "ވީ ނިއުސް"އަށް މަޢުލޫމާތުދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މެންބަރު ރަށު ކައުންސިލްއަކަށްވީ މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ރަށުގެ ލޯކަލް ޓޫރިޒަމްއަށް ލިބޭތީ ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މެންބަރަކަށްވުމުގެ ސަބަބުން އެ ކުންފުނިން ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވެ ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން "ވިޒިޓް މޯލްޑިވްސް"ގެ ޕްލެޓްފޯމްތަކުން ތޮއްޑޫ އާއި ތޮއްޑޫގެ ގެސްޓްހައުސްތައް އިޝްތިހާރުވެގެންދާނެ ކަމަށް ކަރަމް ގަބޫލުކުރައްވައެވެ.
ތޮއްޑޫ ކައުންސިލްގެ ވިސްނުން ހުރީ ތޮއްޑޫ ފަތުރުވެރިކަމުގެ ބްރޭންޑެއްގެ ގޮތުގައި މުޅި ދުނިޔެއަށް ޕްރޮމޯޓްކުރުމެވެ.
ތޮއްޑޫއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އެއް އިންސައްތަ އެ ރަށެއްގައި ހޭދަކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލް ރަށެކެވެ.