ނިމުނު މާރޗް މަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޖުމްލަ 214 މައްސަލައެއް ކޯޓުތަކަށް ހުށަހެޅިއިރު، އޭގެތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ މާރޗް މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެއޮފީހަށް 244 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން ދައުވާކުރުމަށް ފޮނުވާފައިވަނީ 214 މައްސަލައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން 241 މައްސަލަ އާއި، ހިއުމަން ރައިޓްސް ކޮމިޝަނުން 2 މައްސަލަ އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން 1 މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވެއެވެ.

ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 82 މައްސަލައަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެވެ. މިއީ ހުށަހެޅުނު މައްސަލަތަކުގެ 38.3 އިންސައްތައެވެ.

މަސްތުވާތަކެތީގެ މައްސަލަތައް އަބަދުވެސް ފެންމަތިވަމުން އަންނައިރު، މިދިޔަ މަހު ޑްރަގް ކޯޓުން ޖުމްލަ 68 މައްސަލައެއް ބަލައި ނިންމާފައިވެއެވެ. އެގޮތުން، 36 މައްސަލައެއްގައި ފުރަތަމަ ހުކުމް އިއްވާފައިވެއެވެ. މިއީ އެކޯޓުން ބެލި މައްސަލަތަކުގެ 52.9 އިންސައްތަ މައްސަލައެވެ. 22 މައްސަލައެއްގެ ޝަރުތަކާނުލައި ފަހުގެ ހުކުމް އިއްވާފައިވާއިރު، 4 މައްސަލައެއްގެ ޝަރުތާއެކު ފަހުގެ ހުކުމް އިއްވާފައިވެއެވެ. އަދި، 6 މައްސަލައެއް ވަނީ ފަރުވާއިން ވަކިކޮށްފައެވެ.

މީގެއިތުރުން، ޑްރަގް ކޯޓު ފިޔަވައި އެހެން ކޯޓުތަކުން ޖުމްލަ 149 މައްސަލައެއް ބަލާފައިވާއިރު، އޭގެތެރެއިން 113 މައްސަލައެއް ވަނީ ސާބިތުވެފައެވެ. 31 މައްސަލައެއް ސާބިތުނުވާއިރު، 5 މައްސަލައެއްގެ ދައުވާ މަދަނީ މިންގަނޑުން ބާތިލްކޮށްފައިވެއެވެ.

މިދިޔަ މަހު އެންމެ ގިނަ ދައުވާތައް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ. 69 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާއިރު، 47 މައްސަލައާއެކު ދެވަނައަށް އެންމެ ގިނަ ދައުވާ ހުށަހަޅާފައިވަނީ ޑްރަގް ކޯޓަށެވެ. ދެން އެންމެ ގިނަ ދައުވާ ހުށަހަޅާފައިވަނީ ކ. މާފުށީ މެޖިސްޓްރޭޓް ކޯޓަށެވެ.