އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅެން ޖެހުނު ތިންވަނަ މެޗުގައި، ތުރުކެމިނިސްތާން އަތުންވެސް ބަލިވެ ރާއްޖެއަށް މުބާރާތުން ޖާގަ ނުލިބި ކޮލިފިކޭޝަނާއި ހަމައިން ވަކިވާން ޖެހިއްޖެއެވެ.
އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހާފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނެނީ އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލެވެ.
މިއީ އޭޝިއާ ފުޓްސަލް މުބާރާތެއްގެ ކޮލިފައިންގައި ރާއްޖޭގެ ޓީމެއް ވާދަކުރި ފުރަތަމަ ފަހަރެވެ. އޭޝިއަން ކަޕަށް ކޮލިފައި ވަނީ ކޮލިފިކޭޝަން މެޗުތައް ނިމޭއިރު އެ ގުރޫޕެއްގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެޓީމެވެ. މުބާރާތް އޮންނާނީ މި އަހަރު ފަހުކޮޅުގައި ކުވޭތުގައެވެ.
ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ ކުޅުނީ ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އަދި މި ސަރަހައްދުގެ އެއްވަނައިގައި އޮތް އީރާނާއި ދެކޮޅަށެވެ. މިމެޗުން ރާއްޖޭގެ މައްޗަށް އީރާންގެ ފުޓްސަލް ޓީމުން ކުރިހޯދީ 0-17 ގެ ނަތީޖާއަކުންނެވެ. ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކުރީ 1-7 ގެ ނަތީޖާއަކުންނެވެ.
ކޮލިފިކޭޝަން ބުރުގެ ތިންވަނަ މެޗުގައި ރާއްޖޭގެ މައްޗަށް ތުރުކެމިނިސްތާން އިން ކުރިހޯދީ 0-7 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ދެމިނެޓުގެ ތެރޭގައި ރާއްޖެއިން ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. އެގޮތުން އިޝާން އިބްރާހިމް (ސައްޓު) އާއި ކެޕްޓަން އިމްރާން މުހައްމަދު ގުޅިގެން ފުރަތަމަ ދެމިނެޓުގެ ތެރޭގައިވެސް ތިން ހަމަލާއެއް ފޮނުވާލާފައިވެއެވެ.
ރާއްޖެ ކޮޅަށް ތުރުކެމިނިސްތާނުން ޖެހި ފުރަތަމަ ލަނޑަކީ ރާއްޖޭގެ ހުސެއިން ޝަރީފް (އޮންލީ) ޖައްސާލި ބޯޅައެއް ސައްޓު އަށް ކޮންޓްރޯލް ނުވުމުން، އެ ބޯޅަ ހޯދުމަށްފަހު މުޅިން ހުސްކޮށް ގޯލާއި ދިމާލަށްގޮސް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ތުރުކެމިނިސްތާނުގެ ކުރްބާނޯވް އަލަމީރާ ކާމިޔާބުކުރި ލަނޑެކެވެ.
ކުރިން ކުޅުނު މެޗުތަކާއި ހިލާފަށް މިމެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ޓީމުން ވަނީ ރޭވުންތެރިކަމާއެކު ބައިކޮޅަށް ގިނަ ލަނޑުތަކެއް ވަނަނުދީ ހިފަހައްޓާފައެވެ. އަދި ރާއްޖޭގެ ކީޕަރު އިސްމާއިލް ފާތިހު (ތާޑޭ) ވަނީ މުހިންމު ގިނަ ސޭވްތަކެއްވެސް މެޗުގައި ކޮށްފައެވެ. ފުރަތަމަ ހާފުގައި ތުރުކެމިނިސްތާނުން ރާއްޖެ ކޮޅަށް ޖަހާފައިވަނީ ދެލަނޑެވެ. އެޓީމަށް ދެވަނަ ލަނޑެއް ރާއްޖެ ކޮޅަށް ޖެހުނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވުރެވެސް ކުޑަތަން ވެފައި ވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަނަގުލިޔެވް އެވެ.
ދެލަނޑުގެ ލީޑެއްގައި އޮވެ ތުރުކެމިނިސްތާނުން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި އެޓީމުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ފަސް ލަނޑު މިހާފުގައި ކާމިޔާބު ކޮށްފައެވެ.
މި މޮޅާއެކު ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބު ކޮށް ތުރުކެމިނިސްތާން އޮތީ މި ގުރޫޕުގެ ދެވަނައިގައި 6 ޕޮއިންޓު ހޯދާ، ފައިދާ 6 ގޯލާއި އެކުއެވެ. ރާއްޖެ އޮތީ ކުޅުނު ތިން މެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި، ބައިކޮޅަށް 30 ލަނޑު ވަދެގެންނެވެ.
މިކޮޅުން ނައްޓާލިއިރު ހީވިކަހަލަ މުޅި ދުނިޔެ ފަތަހަކޮއްފައޭ އަންނާނީ.. އެކަމަކު ނިމުން އިރު މި އިވޭ އަޑަކީ ޕިޗެއް ނެތޭ ބޯޅައެއް ނެތޭ.. ހުސްފަޔާ އޭ ކުޅެނީ.. އަޅައެއް ނުލައޭ.. ދެން ކީކޭ ބުނާނީ