ހަލާކުވެފައިވާ ފަރުނީޗަރު ފަދަ ތަކެތި އުކާލުމަށް މާލޭގެ މަގުތަކަށް ނެރެފައި ނުބެހެއްޓުމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

މޭޔަރ އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، މާލޭގެ އެކި މަގުތަކުގައި ގޭގެއިން ނެރެ ބަހައްޓާފައި ހުންނަ ހަލާކުވެފައިވާ ސޯފާތަކާއި އެކި ފަރުނީޗަރު އަދި ހުސް ފޮށިގަނޑުތައް ފަދަ ތަކެތި ވަރަށް ގިނައިން ހުންނަ ކަމަށާއި، އެގޮތަށް އަމަލުނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މޭޔަރ ވިދާޅުވީ ރައްޔިތުން އެގޮތަށް އަމަލު ކުރާ ސަބަބުތަކުގެ ތެރޭގައި އެފަދަ ތަކެތި އުކައިދިނުމަށް ވެމްކޯއިން ނަގާ އަގުތައް ބޮޑުވުމާއި، އެކުންފުނީގެ ޚިދުމަތްތައް ހުންނަ ގޮތުން ރައްޔިތުންނަށް ދަތިވުން ހިމެނޭ ކަމަށެވެ. ނަމަވެސް، އެފަދަ އެއްވެސް ސަބަބަކީ މަގުމައްޗަށް ކުނި އަޅާފައި ބެހެއްޓުން ހުއްދަވާނެ ސަބަބެއް ނޫންކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

"މަގުތަށް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެންގެ ފަރާތުން އެންމެންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެންވާނެ."
މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު

މީގެއިތުރުން ޑރ. މުއިއްޒު ވިދާޅުވީ، އެހެން މަގުމައްޗަށް ނެރޭހާ ކުންޏަކީ މާލޭ ސިޓީ ކައުންސިލުން އުކާލަންޖެހޭ އެއްޗެއް ކަމަށް ދެކި ހުރިހާ ކުންޏެއް މަގުމައްޗަށް ނެރުމަކީ ރަނގަޅުގޮތެއް ނޫންކަން ގަބޫލުކުރަންވާނެ ކަމަށާއި، ކަން މިހެން އޮތް ނަމަވެސް، ސިޓީ ކައުންސިލްގެ ގާބިލުކަން ހުރި އެންމެ ފުޅާ ދާއިރާއެއްގައި، މަގުތައް މަތީގައި އެގޮތަށް ހުންނަ ކުނިތައް ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޭޔަރ ވަނީ މިފަދަ ކަންކަމާމެދު ވިސްނައި އަމަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.