ރަމަޟާން މަހަށް ހާއްސަކޮށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ، މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ހުޅުމާލެ ވެޓެރަންސް އިން ކުޅުނު ތިންވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

މުބާރާތުގައި ހުޅުމާލެ ވެޓެރަންސް އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. އަދި ދެވަނަ މެޗުގައި އީގަލްސް ވެޓެރަންސް އަތުން ހުޅުމާލެ ވެޓެރަންސް މޮޅުވީ 0-5 އިން މޮޅުވެފައެވެ.

ތިންވަނަ މެޗުގައި މިއަދު ހަވީރު ހުޅުމާލެ ވެޓެރަންސް އިން ވަނީ ޕޮލިސް ކްލަބް 5-1 އިން ބަލިކޮށްފައެވެ. މިއާއެކު އެޓީމު އޮތީ ކުޅުނު ތިންމެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ސޮކަ މޭޓްސް ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ހަތަރެއްގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި ފަސް ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ހަވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ފުލުގައި އޮތް ޕޮލިހަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ޕޮލިސް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ.

މިއަދުގެ މެޗުގައިވެސް ހުޅުމާލެ ވެޓެރަންސް އިން މޮޅު ކުޅުމެއް ދެއްކިއިރު ފުރަތަމަ ހާފުގެ 10 ވަރަކަށް މިނެޓުގެ ތެރޭގައި އެޓީމުން ވަނީ ތިން ލަނޑު ޖަހާ ބޮޑު ލީޑެއް ނަގާފައެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޖަމީލް (ޖަމްބެ) އާއި އަބްދުﷲ ސުޖާއު (ސުޖާ) އަދި އަބްދުﷲ ޝިފާއު އެވެ.

ބާކީ ދެލަނޑު ހުޅުމާލެ ވެޓެރަންސް އިންޖެހީ ދެވަނަ ހާފުގައެވެ. މިލަނޑުތައް ކާމިޔާބު ކޮށްދިނީ އަހުމަދު ޝާހިދު އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ.

މެޗުގައި ޕޮލިސް ކުލަބުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ނާޒިމް އެވެ.

މެދުކެނޑުމަކަށްފަހު ކުޅޭ މި ފޯރިގަދަ މުބާރާތުގެ މިފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމެއް ވާދަކުރެއެވެ. އެއީ މޯލްޑިވްސް ސޮކާ މޭޓްސް އާއި ޕޮލިސް ކުލަބުގެ އިތުރުން، ޑަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކުލަބު (ޑީޖީއެސްސީ) އާއި ދިވެހި ސިފައިންގެ ކުލަބު އަދި ހުޅުމާލެ ވެޓެރަންސް އާއި ގްރީން ސްޓްރީޓްސް އަދި އީގަލްސް ވެޓެރަންސް އެވެ.

މުބާރާތުގައި މާދަމާ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.