މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ހައްދުންމަތީގެ ތިން ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.

އެ މިނިސްޓްރީން އެންމެ ފަހުން ހިމާޔަތްކޮށްފައިވާ ތިން ސަރަހއްދުގެ ތެރޭގައި ހިމެނެނީ ލ. ގާދޫ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު، ގާދޫ ހިތަދޫ ކަނޑު ސަރަހައްދު އަދި، އެއަތޮޅު ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދެވެ.

  • ގާދޫ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދު

ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާގެ 614 ހެކްޓަރުގެ މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 6 ވަނަ ގިންތީގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ސަރަހައްދު ހިމާޔަތްކުރުން މުހިންމީ ގާދޫ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ދެ ބާވަތްކަމުގައިވާ ކަހަނބު އަދި ވެލާ ބިސްއަޅާ، ވިހާ އާލާވާކަމަށް ޒަމާނުންސުރެ ފާހަގަ ކުރެވިފައިވާ ސަރަހައްދެއް ކަމަށެވެ. އަދި، ރަށުގެ ވަށައިގެންވާ މޫދު ވިނައާއި ފަރުގެ ސަރަހައްދަކީ ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ އަދި ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ މާހައުލަކަށް ވީއިރު، ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަން ރައްކާކޮށްދޭ މޫދުވިނައިގެ 6 ބާވަތަކާއި ފަރުމަހުގެ 91 ބާވަތްވެސް މި ސަރަހައްދުން ފެނިފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން، ރަށުގެ އިރުމަތީ ފަރާތުގައިވާ ޗަސްބިން ސަރަހައްދުގައި ވާ މީރު ފެންކުޅިއަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުޞަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދުން މޫސުމީ ދޫންޏާއި، ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދަމަހައްޓަން އެހީވެދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

  • ގާދޫ ހިތަދޫ ކަނޑު ސަރަހައްދު

ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާގެ 777 ހެކްޓަރުގެ މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 6 ވަނަ ގިންތީގައެވެ.

މި ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެކެވެ. އަދި، މި ސަރަހައްދުން ފެންނަ މުހިންމު ދިރުންތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވާ ވެލާ އާއި ކަހަނބު އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތަކުގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި މަޑި ހިމެނެއެވެ.

  • ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު

ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ 706 ހެކްޓަރުގެ މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 7 ވަނަ ގިންތީގައެވެ.

މިއީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވެއެވެ.

އަދި، ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީޏް ބުނީ މި ތިން ސަރަހައްދުވެސް ހިމާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. މި ތިން ސަރަހައްދާއެކު ލ. އަތޮޅުން ޖުމްލަ 6 ސަރަހައްދެއް މިހާރު ވަނީ ހިމާޔަތްކޮށްފައެވެ.