ހުޅުމާލެ އުތުރު އަވަށުގައި 25 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން އެކަނި ހާއްސަ ކުރާތީ ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ސުވާލު އުފައްދަވައިފިއެވެ.

މެމްބަރު މި މޭރުމުން ސުވާލު އުފެއްދެވީ، ހިޔާ ފްލެޓް ތަކުގެ މަސައްކަތް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ޖުމްލަ ހަ މިލިއަނަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ ފުލެޓުތަކުގެ ވެރިންނަށް ލިބުނު ގެއްލުން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަތުމުން ޖަލްސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރު އާދަމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ.

ފްލެޓް ލިބުނު މީހުން އެ މީހުންގެ ފްލެޓްތައް ނިންމަން ކުންފުނިތަކާ ހަވާލުކުރީ ދަރަނިވެރިވެގެން ފައިސާ އާއި ތަކެތި ހޯދައިގެން ކަމަށާއި ނަމަވެސް ކުންފުނިތަކުން މަސައްކަތް ނުނިންމުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފުގެ ވާހަކަތަކަށް ރައްދުދެއްވަމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ދޭދޭ ފަރުދުންގެ ދޭތެރޭގައި ހިނގާ ހިޔާނާތުގެ މުއާމަލާތްތަކަކީ ނިޒާމުގެ ތެރެއިން ވެސް މިހާރު ބެލޭނެ މައްސަލަތައް ކަމަށެވެ. އަދި މެންބަރު އާދަމް ޝަރީފު އެދިވަޑައިގަންނަވަނީ އިންސާފުގެ ދާއިރާއަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވަންތޯ ސުވާލު ކުރެއްވެވިއެވެ.

އެއަށް ފަހު އޭނާ ވަނީ އެހެން ރައްޔިތުން ވެސް ތިއްބާ ހިޔާ ފްލެޓްގެ ރައްޔިތުން ހާއްސަކުރާތީ އެކަމާމެދު ވެސް ސުވާލު އުފައްދަވާފައެވެ.