ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ޕާސަނަލް ފައިނޭންސިންއަށް އިންޓަނެޓު ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް އެދި ހުށަހެޅޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަކީ މުސާރަ ލިބޭ ފަރާތްތަކަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމައަށް ދޫކުރާ ފައިނޭންސިންއެކެވެ. މި ގޮތުން ތަކެތި ގަތުމުގެ ފުރުސަތާއި ކަސްޓަމަރު ބޭނުންނަމަ ފައިސާވެސް ދޫކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެެވެ.
ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމަޔަށް ފައިސާ ދޫކުރާނެއެވެ. އަދި ޕާސަނަލް ފައިނޭންސް އަދި ޕާސަނަލް ފައިނޭންސިން މައިކްރޯއަށް ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް އުސޫލުންނެވެ.
ބީއެމްއެލް ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.