މަސްވެރިކަން ތިޔާގިވެ، މިފްކޯއިން މަސްކިރުން ލިމިޓްކުރުމާއި ގުޅިގެން ގިނަ ދޯނިފަހަރުތަކުން ބޭނި މަސް ކިރޭގޮތް ނުވުމުން، އެކަމާއި ގުޅިގެން ކޫއްޑޫގައި މަސްވެރިން ބޭއްވި މުޒާހަރާގެ ތެރެއިން ޒުވާން މަސްވެރިޔާގެ ފޭސްބުކް ޕޭޖުން ގއ. ވިލިނގިލީ މަސްވެރިން ބަދުނާމުކުރި ކަމަށް ބުނެ އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.

މަސްކިރުން ލިމިޓްކުރުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް މަސްވެރިން ކުރި އިހުތިޖާޖުގެ ތެރެއިން ޒުވާން މަސްވެރިޔާގެ ފޭސްބުކް ޕޭޖުން ލައިވް ކުރި ވީޑިއޯއެއްގައި ބުނެފައިވަނީ މަސްކިރުން ލިމިޓްކޮށްފައި އޮތުމަށްފަހު ހުރިހާ މަހެއް ކިރަން ނިންމާފައި ވަނިކޮށް، އަނެއްކާވެސް ލިމިޓްކުރުމަށް ނިންމީ އެންމެ ދޯންޏެއްގެ ޝަކުވާގެ ސަބަބުން ކަމަށެވެ.

ލަފާ ކުރެވޭ ގޮތުގައި އޭނާ އެބަސްތައް ނިސްބަތްކޮށްފައިވަނީ ގއ. ވިލިނގިލީ މަސްވެރިންނާ ދިމާއަށެވެ.

އެކަމާއި ގުޅިގެން ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާމުގައި ބުނެފއިވަނީ އިހުތިޖާޖުގެ ތެރެއިން ބައެއް ފަރާތްތަކުން އެރަށުގެ މަސްވެރިންނަށް ހަޑިހުތުރު އެއްޗެތި ކިޔައި، އެމީހުން ބަދުނާމުކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެހެންކަމުން، ވިލިނގިލީ މަސްވެރިންގެ އެއްވެސް ކުށެއް ނެތް ކަމެއްގައި އެމީހުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުރުވައިން ވާހަކަދެއްކުމާއި އަޑު އުފުލުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނުވާކަމަށާއި، އެފަދަ ނާތަހުޒީބު އަމަލުތަކުން އެއްކިބާވެ، މަސްވެރިންގެ ހައްގު ހޯދުމަށް މަސައްކަތްކުރުމަށް ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ވިލިނގިލީ ކައުންސިލުން ވަނީ، އެރަށު ރައްޔިތުންނަކީ މަސްވެރިކަމުގެ އާމްދަނީއަށް ބަރޯސާވެފައިވާ ރަށަކަށް ވީހިނދު، މިފްކޯއިން މަސްކިރުން ލިމިޓްކުރާ ކޮންމެ ފަހަރަކު އެކަމާ އިހުތިޖާޖްކޮށް މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް އެންމެ ކުރީގައި ވިލިނގިލީގެ މަސްވެރިން ތިބޭކަން ފާހަގަކޮށްފައެވެ.