އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ހިންގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުން ތިބީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައެވެ.

މި ރަމަޟާންމަހު ހަމަޖެހިލައިގެން ރޯދަ ހިފިދާނެ ކަމުގެ ފޮނި އުންމީދުގައި ތިއްބައި، އިސްރާއީލު ސިފައިން ގެންދަނީ ހުޅަނގު އައްސޭރީގެ އެކި ރަށްތަކަށް އަރައި، މީހުން ޝަހީދުކޮށް، އަނިޔާކޮށް، ހައްޔަރުކޮށް، ފަލަސްތީނު ރައްޔިތުންގެ ގެދޮރު ހަލާކުކޮށް، ފިހާރަތަކަށްވެސް ގެއްލުން ދެމުންނެވެ.

ފަލަސްތީނުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލު ސިފައިންގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށްވަނީ އިތުރުވެ ފުޅާވަމުންނެވެ.

ކުލަ ހެދުމުގައި ތިބެ ފަލަސްތީނު އާންމުންގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށް އަދި އެތައްބަޔަކު ހައްޔަރު ކުރަމުންވެސް ގެންދެއެވެ.

އިސްރާއީލު ސިފައިން ތުލްކަރަމްގައި ފަލަސްތީނު ޒުވާނެއްގެ ގަޔަށް ބަޑިޖެހުމަށްފަހު ހައްޔަރުކުރަނީ:

މިއަދުވެސް، ހުޅަނގު އައްސޭރީގެ ނާބުލުސްގައި ހިންގި އޮޕަރޭޝަންގައި، ފަލަސްތީނުގެ އުމުރުން 34 އަހަރުގެ މުހަންމަދު ހަސަން އައްސަފް ނަމަކަށްކިޔާ މީހެއްގެ ގަޔަށް ބަޑިޖަހައި ވަނީ ޝަހީދު ކޮށްލާފައެވެ. އޭނާއަކީ 3 ކުދިންގެ ބައްޕައެކެވެ.

ފަލަސްތީނުގެ ރަށްތަކުގައިވެސް އިސްރާއީލު ސިފައިންނާ ދެކޮޅުވެރި ހަރަކާތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުން އެބަދެއެވެ. ވެވުނު ގޮތަކުން އިސްރާއީލުގެ އުދުވާނީ ސިފައިންނަށް ގެއްލުންދީ، ހުރަސްއެޅުމުގެ ހަރަކާތްތައް ކުރިއަށް އެބަދެއެވެ. މިކަމުގައި އިސްކޮށް އުޅެނީ ފަލަސްތީނުގެ ޒުވާނުންނެވެ.

އެގޮތުން، ހުޅަނގު އައްސޭރީގެ ޤަލްޤީލިޔާއަށް މިއަދު ވަދެގަތް އިސްރާއީލުގެ އުދުވާނީ ސިފައިންގެ ގްރޫޕަށް ޒުވާނުންވަނީ އޮށްގަލުން ހަމަލާދީ، ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ނާބުލުސްގައި ފަލަސްތީނު ޒުވާނުން، އިސްރާއީލުގެ އުދުވާނީ ސިފައިންނަށް ހުރަސްއަޅަނީ:

ޖެނީން ރެފިއުޖީ ކޭމްޕް މިއަދުވެސް އިސްރާއީލު ސިފައިން ރެއިޑްކޮށްފައި ވާއިރު، ހުޅަނގު އައްސޭރީގެ ބައިތާ އަވަށުގައި އިސްރާއީލު ސިފައިންނާއި، ފަލަސްތީނު ޒުވާނުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުމުގައި ހަމީހުން ޒަޚަމްވި ކަމަށް ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ބުނެފައި ވެއެވެ.