ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރުގެ ބެލެނިވެރިފަރާތް އަދި އެންމެ ބޮޑު ފައިދާ އަކާއި މަންފާއެއް ލިބޭނެކަމަށް ގިނަބަޔަކު ގަބޫލުކުރާ ކުޅިވަރު އެސޯސިއޭޝަން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ދެމަސް ދުވަސް ވެފައިވާކަމަށް ވީނިއުސް އަށް މައުލޫމާތު ލިބިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އިތުބާރުހުރި މަސްދަރަކުން ވީނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ، އެފްއޭއެމްގެ އެކި މުވައްޒަފުންނަށް މުސާރަ ދިނުމުގައި ތަފާތުތަކެއް އެބަހުރިކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް ދެމަހުގެ މުސާރަ، އަނެއްބައި މުވައްޒަފުންނަށް އެއްމަހުގެ މުސާރަ ޕެންޑިންގައި އެބަހުއްޓެވެ.
އެފްއޭއެމް އިން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުވައްޒަފުންނަށް އެމަހުގެ ފަހުކޮޅު މުސާރަ ޖަމާކުރިއިރު ޖެނުއަރީ މަހުގެ މުސާރަ އާއި އެއްކޮށް ދީފައިވާ ކަމަށާއި، އެހެންނަމަވެސް އޭގެފަހުން އަނެއްކާވެސް އެކި މުވައްޒަފުންނަށް މުސާރަ ލިބުމުގައި އެކިވަރުގެ ޑިލޭތަކެއް ހުރިކަން ވީނިއުސް އާއި ވާހަކަދެއްކި ފަރާތުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެ އެސޯސިއޭޝަންގެ ވެރިން ވަނީ މުވައްޒަފުންނާއި ބައްދަލުކޮށްފައި ކަމަށާއި، ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ނުވަތަ އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ވަގުތެއްގައި ދެމަހުގެ މުސާރަވެސް މުވައްޒަފުންނަށް ދޭނެކަމަށް ވެރިން ބުނެފައިވާކަމަށްވެސް ވީނިއުސް އާއި ވާހަކަދެއްކި ފަރާތުން ބުނެފައިވެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަނުން މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެފައިވާއިރު، ރަމަޟާން މަހުގެ އިނާޔަތްވެސް އެ އެސޯސިއޭޝަންގެ މުވައްޒަފުންނަށް ލިބިފައިވަނީ ރަމަޟާން މަސް ފެށިގެން ދުވަސްތަކެއް ހޭދަވި ފަހުންނެވެ.
ރަމަޟާން މަހުގެ އިނާޔަތް، މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ދިނުން ވަޒީފާ އާއި ބެހޭ ގާނޫނުން ވަނީ ލާޒިމު ކޮށްފައެވެ.
މާލީގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެފްއޭއެމް އަށް ކުރިމަތިވެފައިވާކަން އެ އެސޯސިއޭޝަންގެ މުވައްޒަފުންގެ މުސާރަ ދިނުމުގައި ގެންގުޅޭ އުސޫލުންވެސް ސާބިތުވެއެވެ. އަދި އެފްއޭއެމް އިން ބައެއް ކުލަބުތަކަށް ދޭންޖެހޭ ފައިސާވެސް ދީފައި ނުވާކަމަށް އެކުލަބުގެ ތަކުގެ މެނޭޖްމަންޓާއި ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން އަންނަނީ ރިޕޯޓުކުރަމުންނެވެ.
މީގެއިތުރުން ދިވެހި ލީގުގެ މެޗުތަކުގައި ރެފްރީކަންކުރާ ރެފްރީންނަށްވެސް ދޭންޖެހޭ ފައިސާ އެފްއޭއެމް އިން ދީފައިނުވާކަމުގެ ތުހުމަތު އެފްއޭއެމްގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަލީ ޢާޡިމް ވެސް ވަނީ މީގެކުރިން ކުރައްވާފައެވެ.