ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނީ މެޝިންތަކެއް ގާއިމުކުރެވިގެން ނޫން ކަަމަށް މިނިސްޓަރ އޮފް އެންވަޔަރމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ނެޝަނަލް ކޮމްޕެޓެންސީ ސްޓޭންޑަރޑް ފޯ "ވޭސްޓު ޓު ވެލްތު" އިފްތިތާޙްކުރުމަށްޓަކައި ހޮޓެލް ޖެންގަ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުވާނީ ހަމައެކަނީ މެޝިން ތަކެއް ޤާއިމުކުރެވިގެން ނޫން ކަމަށާއި އެއީ ގޭބީސީއާ ހިސާބުން ފެށޭ ކަމެއް ކަމަށެވެ.

ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރި، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން، ކުނި ކޮށީގައި އެތަކެތި ބަހައްޓައިގެން ކުދިކޮށް، މުގުރައި އަދި ރަށުން ބޭރު ކުރެވެންދެން ބެހެއްޓޭނެ އިންތިޒާމް ހުންނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ބަދިގެ ކުންޏާއި ފަތްކުނި މެނޭޖް ކުރާނެ ގޮތްތަކެއްވެސް ހުންނާންޖެހޭ ކަމަށާއި ރައްޔިތުންނާއި، ކައުންސިލްތަކާއި، ވެމްކޯ އަދި ސަރުކާރުގެ އިދާރާތައް އެއްކޮށް މަސައްކަތްކޮށްގެން ނޫނީ ކުނީގެ މައްސަލަ ޙައްލުނުކުރެވޭނެ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މިއީ ހަގީގަތުގައި ރޭވިގެން، ކުރެވިއްޖެ ނަމަ މައްސަލަ ނުނިކުމެ ކާމިޔާބު ކަމާއެކު ކުރެވިދާނެ ކަމެއް. އަޅުގަނޑު ދެކޭ ހިތްވަނީ، މިއަދު މިފެށޭ މުހިއްމު މަސައްކަތުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތުގައި ކުނިމެނޭޖްކުރުމުގެ ދާއިރާގައި ޒުވާނުން ޝައުޤުވެރިވާފަދަ ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެ، އިސްރާފު ކުޑަކޮށް، އުކާލެވޭ ތަކެތިން ނަފާހޯދުމުގެ ވިސްނުން އަށަގެންފައިވާ، ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައެއް ބިނާކުުރުމުގައި އެހީތެރިކަން ލިބިގެންދާތަން."
މިނިސްޓަރ އޮފް އެންވަޔަރމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ

މިއަދު ތަޢާރަފު ކުރެވޭ މިންގަނޑާއި އެއްގޮތަށް، ރަށްރަށުގެ ކައުންސިލްތަކާއި އެކު މިމަސައްކަތުގައި ޙަރަކާތްތެރިވާނެ މީހުން ބިނާ ކުރުމަށްޓަކައި، މީރީ ޕްރޮޖެކްޓާއި މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް ގުޅިގެން މިވަނީ، ރާއްޖޭގެ 9 އަތޮޅަކުން (ނ.ރ.ބ.ޅ.މ.ފ.ދ.ތ. އަދި ލ. އަތޮޅު) 60 ފަރާތެއް، ކުނިން ނަފާހޯދުމުގެ ދާއިރާއިން ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކެޓް-3 ފެންވަރަށް ތަމްރީނުކުރުމުގެ މަސައްކަތް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ހަވާލުކޮށްގެން ފަށާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތްތާނގައި، މީގެ އިތުރު ތަމްރީނު ޕްރޮގްރާމްތައްވެސް އެކިއެކި ތަމްރީނުދޭ ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މިއަދަކީ، ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަސީލަތްތައް މެނޭޖްކޮށް، އިސްރާފު ކުޑަކޮށް، އުކާލެވޭތަކެތިން ނަފާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއަށް އެޅޭ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ފިޔަވަޅެއް އެޅިގެންދާ ދުވަހެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ މީގެ 50 އަހަރު ކުރިއާ އަޅާ ބަލާއިރު މިއަދު ދިވެހިންގެ ދިރިއުޅުމަށް މިވަނީ އެތައް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ.

އެގޮތުން މެދުފަންތީގެ އިގްތިސާދަކަށް ބަދަލުވުމާއެކު ދިރިއުޅުމުގެ ފެންވަރަށްވެސް ބަދަލު އައިސްފި ކަމަށާއި ހިފައިގެންގުޅޭ ސާމާނަށް ބޮޑެތި ބަދަލުތައް އައިސްފި ކަމަށް ޝައުނާ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޒަމާނުއްސުރެ ކުންޏާމެދު ދެކެމުން އައި ގޮތް ބަދަލުކުރުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.