އައްޑޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާ ދޫކޮށްލަން ގޮވާލައި ތައްޔާރުކުރި ޕެޓިޝަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

މައުލޫމާތުލިބޭ ގޮތުގައި މި ޕެޓިޝަނުގައި 3،000 މީހުން ސޮއިކޮށްފައިވެެއެވެ. އަދި މި ޕެޓިޝަން ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމްގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށްވެސް މި ޕެޓިޝަންވަނީ ހުށަހަޅާފައެވެ.

މި ޕެޓިޝަނުގައި އައްޑޫ ސިޓީގެ މޭޔަރާއި ބައެއް ކައުންސިލަރުން ވެސް ސޮއިކޮށްފައިވެއެވެ.

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިތަދޫއިން ހައްޔަރުކޮށްފައިވަނީ ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މީހެކެވެ. އުމުރުން 59 އަހަރުގެ އެ އަންހެން މީހާ ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާ ފްރޭމްކޮށްފައިވާކަމަށް ބުނެ ހިތަދޫގައި މެދުކެޑުމެއް ނެތި އަންނަނީ މުޒަހާރާ ކުރަމުންއެެވެ.

މިމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ. އެގޮތުން މިކަމާ ގުޅުންހުރި އިދާރާތަށް ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.