މިއަދަކީ ދިވެހި ބަހުގެ ދުވަހެވެ. ދިވެހިބަހާ ބެހޭގޮތުން ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު ދުވަހެވެ. ކާބަފައިން އަހަރުމެންނާ ހަމައަށް ވާރުތަކޮށްދިން، އަދި އަހަރުމެން އަމާނާތްތެރި ކަމާއެކު، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން ކުރެވޭނެ ކަންކަމާ މަޝްވަރާ ކުރަންވީ ދުވަހެވެ. ދިވެހިން ވާހަކަދައްކައި އުޅޭ ކޮންމެ ބަހުރުވަކީވެސް އެބަހަކާމެދު ދިވެހިން ފަހުރުވެރިވާންވީ ބަހެކެވެ. އެހެންކަމުން ވަކި ބަހުރުވައެއް އިސްތިސްނާ ނުކޮށް ދިވެހިބަސް ރައްކާތެރި ކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ފަރުދީ ޒިންމާއެކެވެ.

ދުނިޔޭގެ ނިސްބަތުން ބާލާއިރު ރާއްޖެއަކީ ކުޑަ ގައުމެއެކެވެ. އަބާދީ އަކީ 4 ލައްކައެއްވުރެ ގިނާ މީހުންއެވެ. ރާއްޖެގައި އަމިއްލަވަންތަ ބަހުރުވައެއް އެ ބަސް ލިޔާނެ އަކުރެއް އެބައޮތެވެ. އެންމެ ބަހެއް ނޫނެވެ. ޒަމާނުއްސުރެ މިއަދާ ހަމައަށްވެސް ދިވެހި ރައްޔިތުން ވާހަކަދައްކާ ހަތަރު ބަހުރުވައެއް އެބައޮތެވެ. އެއީ ރާއްޖޭގެ ވެރިކަންކުރާ މާލޭގެ މީހުން ވާހަކަ ދައްކާ މާލޭބަހުރުވައާއި، ރާއްޖޭގެ ދެކުނުގެ 3 އަތޮޅަށް ނިސްބަތްވާ ހުވަދޫބަހުރުވައާއި ފުވައްމުލަކުބަހުރުވައާއި އައްޑޫބަހުރުވައެވެ. މީގެތެރެއިން ރަސްމީ ދަރަޖައެއް ލިބިފައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަންކުރާ މާލޭގެ މީހުން ވާހަކަދައްކާ މާލޭބަހުރުވަ އެކަންޏެވެ.

ރަސްމީ ހައިސިއްޔަތު ލިބިފައި ނުވި ކަމުގައިވިޔަސް ދެކުނުގެ ތިން އަތޮޅަށް ނިސްބަތްވާ ތިން ބަހަކީވެސް މިނިވަން މުސްތަޤިއްލު ބަސްކަމުގައި ޢިލްމީ ލިޔުއްވުންތަކުގައި ޢލްމުވެރިން ލިޔުއްވާފައިވެއެވެ.

މި ކުޑަކުޑަ ރާއްޖެއަކީ އަމިއްލަ ސަގާފަތަކާއި މިނިވަންކަމެއް އޮންނަ ގައުމެކެވެ. އެކަކު އަނެކަކާއި މުހާތަބުކުރަން ރިވެތި، އަމިއްލަ ބަހެއް ލިބިފައިވާއިރު، މި ބަސް ހިމާޔަތްކުރުމަށްޓަކައި އެކިއެކި ފަންތިތަކުގައި ދަނީ މަސައްކަތް ކުރެވެމުންނެވެ. ބަސްކޮށާރުގެ ގޮތުން މުއްސަންދި ބަހަކަށް ދިވެހިބަސް ވެފައި އޮތުމަކީ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާންޖެހޭ ކަމެކެވެ. ސުވާލަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި އެންމެ ބޮޑު މަސައްކަތްކުރެވޭނެ މީހުންއަކީ ކޮބައި ހެއްޔެވެ؟

އާދެ ޖަވާބު ވަރަށް ސާފު ދިވެހި ބަސް ކުރިއެރުމަޓަކައި މަސައްކަތްކުރޭވެނީ މަދަރުސާތަކާއި، ބެލެނިވެރިން އަދި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކެވެ. ދަރިވަރުން ސަނަވީ ތައުލީމު އުނގެނެމުންދާ ދުވަސްވަރަކީ އެކިއެކި ކަންކަމަށް ލޯ ހުޅުވިގެންދާ ދުވަސްވަރެވެ. މިދުވަސްވަރަު މަދަރުސާތަކަށް އަދާކުރެވޭނެ އެންމެ އިސް އެއް ވާޖިބަކީ ދިވެހީންގެ ތަރިކަ، ދިވެހިބަސް ކުރިއެރުވުމެވެ. ކޮންމެ އަހަރަކު ފާހަގަކޮށްލާ މާދަރީ ބަހުގެ ދުވަހާއި ދިވެހިބަހުގެ ދުވަހުން މިކަމެއް ހާސިލެއް ނުވާނެއެވެ.

އަދަބީ ހަރަކާތްތަކީވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްކަމެވެ. މަދަރުސާތަކުގައި ގިނަގިނައިން އަދަބީ ހަފްތާތައް ބޭއްވި، ދަރިވަރުންނަށް އެ ދަރިވަރުންގެ އަމިއްލަ ބަސް ދެނެގަތުމުގެ ފުރުޞަތު ހޯދައިދޭން ޖެހެއެވެ. އައު ބަސްތަކާމެދު ކުދިން ހޭލުންތެރިކޮށް، އަދާހަމަކުރުމަކީ އެންމެންގެ މަސްޢޫލިއްޔަތެކެެވެ. ހަމައެހެންމެ، މީސްމީޑިއާ ޢާންމުވެފައިވާ މި ޒަމާނުގައި މަދަރުސާތަކުގެ ދަރިވަރުންނަށް ޚާއްޞަ ކުއިޒުތަކާއި ސުވާލުޖަވާބުގެ ޙަރަކާތްތައް ހިންގޭނިކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ދަރީންގެ ޅަފަތުގައި އެ ދަރިންނަށް އަމިއްލަ ދިވެހިބަސް، ނުވަތަ އަމިއްލަ މާދަރީބަސް ދަސްކޮށްދިނުމަކީ ކޮންމެ ބެލެނިވެރިއެއްގެވެސް ޒިންމާއެކެވެ. ތިމާގެ ބަހަށް ތިމާ ނެތް ލޯތްބެއް އެހެން ބަޔަކަށް ނޯންނާނެކަން ދަންނަން ޖެހެއެވެ. އަމިއްލަ ޘަޤާފަތަށް އަމިއްލައަށް ނުކުރާ އިޙްތިރާމެއް، އޮޅުދޫކަރައިގެ ބަޔަކު ނުކުރާނެކަން އިނގެންވާނެއެވެ.

ދިވެހިބަހަކީ ތާއަބަދު އަހަރެމެންގެ ބަހަށް ވާނެކަމަށް ގިނަ ރައްޔިތުން އުންމީދުކުރެއެވެ. ބަހަކާއިނުލައި ޘަޤާފަތާއި ތަރިކައެއް ނޯންނާނެއެވެެ. މުނިދަރީންނަށް ކާބަފައިންގެ ބަހަވީ ތަރިކަ ފޯރުކޮށްދެމާ ހެއްޔެވެ!