ކްރިމިނަލް ކޯޓަށް ހުށަހެޅި ގިނަ މައްސަލަތަކެއް އެކޯޓުން ބޭރުކޮށްލާފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ބުނެ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ނިންމުމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެފަދަ 22 މައްސަލަ އަލުން މުރާޖައާކޮށްދިނުމަށް އެދުމުން، އެމައްސަލަތައް ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. ގާޒީންގެ މަޖިލީހުން އެގޮތަށް އަމުރުކޮށްފައިވަނީ ސްޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ ހައި ކޯޓުގެ ގަޒިއްޔާއެއްގެ ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށެވެ.

އެ މައްސަލަތައް ކޯޓުން ބޭރުކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއެވެ.

އެ މައްސަލަތަކުގެ ތެރޭގައި، އިސްލާމިކް ސްޓޭޓްގެ ލީޑަރުކަމަށް ދައުލަތުން ތުހުމަތުކުރާ މުހައްމަދު އަމީންގެ މައްސަލަވެސް ހިމެނެއެވެ.

އެ މައްސަލައިގެ އިތުރުން، ދައުލަތުން ވަނީ ބާކީހުރި މައްސަލަތައް އިސްތިއުނާފު ރައްދުވާ ވަކި ފަރާތެއް ނެތް ގޮތަށް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެކަމާއި ގުޅިގެން ހައި ކޯޓުން ބުނީ ކޯޓަށް މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާއަކީ މައްސަލައިގައި ހިމެނޭ ދެފަރާތަށް ފުރުސަތުދީގެން ކުރިއަށް ގެންދާ މަރުހަލާއަކަށް ނުވާތީ، އިސްތިއުނާފް ރައްދުވާ ފަރާތެއް ނެތް ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މައްސަލަ ބެއްލެވުމަށްފަހު، ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުންތައް ބިނާވެފައިވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ހައި ކޯޓުގެ ގަޒިއްޔާއަކަށް ކަމަށް ވުމާއެކު، އެނިންމުން ބިނާކޮށްފައިވާ ގާނޫނީ އަސާސް ސައްހަ ކަމަށް ބެލެވެން ނެތަތީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކުރަން ޖެހޭ ކަމަށެވެ. އަދި، މައްސަލަތައް ހުށަހެޅުމާއެކު އެއާ މެދު އަލުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ހުކުމްގައި ވެއެވެ.

މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު އަލީ ސަމީރު، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.