ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގައި އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 5 މީހުން ޝަހީދުކޮށްލައިފިއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި 14 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.

ހުޅަނގު އައްސޭރީގައި މިއަދު ހެނދުނުވެސްވަނީ، ޝައަސް ކަމަމްޖީ އާއި، މުސްތަފާ އައްރޫބް ނަމަކަށްކިޔާ ދެ ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ. މިދެ ޒުވާނުންގެ ގަޔަށް ބޑިޖަހާފައިވަނީ ޖެނީން ރެފިއުޖޭ ކޭމްޕް ކައިރީގައި އޮންނަ ކަފްރް ދާން އަވަށުގައެވެ.

ދެ ޒުވާނުން ޝަހީދުވުމުގެ އިތުރުން، އިތުރު އެތައްބަޔަކު ޒަޚަމްވިކަމަށް ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްރާއީލު ސިފައިންގެ އުދުވާނީ އަދި އަނިޔާވެރި ހަމަލާތަކުގައި ރެއާއި އިއްޔެ ޝަހީދުކޮށްލާފައިވާ ފަލަސްތީނު އިތުރު ޒުވާނުންގެ ތެރޭގައި މުހަންމަދު އައްސަފް، އުމަރު އަލިޔާން، ގުސައި ހަމަމްރާ ހިމެނެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިސްރާއީލު ސިފައިންގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި 5 ޒުވާނުން:

ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައިގަނެ، އުދުވާނުތައް ހިންގަމުންގެންދާ އިސްރާއީލު ސިފައިންނަށް ފަލަސްތީނު ޒުވާނުންގެ ފަރާތުންވެސް ގެންދަނީ ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެއް ކުރިމަތި ކުރަމުންނެވެ.

ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ތުލްކަރަމްގެ ރަށްބޭރުގައި ފަލަސްތީނު ޒުވާނުންވަނީ އޮށްގަލާއި ޕެޓްރޯލް ބޮމުގެ ވާރޭގެ ހަމަލާއެއް އިސްރާއީލު ސިފައިނަށް ދީފައެވެ.

ނާބުލުސް ކައިރީގައި އޮންނަ ތޭލް އަވަށުގައިވެސް ފަލަސްތީނުގެ އާންމުންވަނީ އިސްރާއީލު ސިފައިންނަސް އޮށްގަލުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން ގެންދަނީ، ފަލަސްތީނުގެ ގެތަކަށް ވަދެގަނެ ޒުވާނުން ޖަހައިގަނެ ހައްޔަރު ކުރަމުންނެވެ. އަދި ބަޑިޖަހައި އެތައްބަޔަކު ޒަޚަމްކުރަމުންވެސް ގެންދެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރިކަން ހުއްޓުވައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް، އިސްރާއީލު ހުއްޓުވަން ދުނިޔޭގެ އެއްވެސް ބާރަކުންވެސް ވާހަކަ ދައްކައި އަޑު އުފުލާތީއެއް އަދި ނުފެނެއެވެ.