(ލޮނުޒިޔާރަތްކޮޅުން - 12:43) މާލޭގެ ހެންވޭރުން ލޮނުޒިޔާރަތްކޮޅަށް އުދައަރަން ފަށައިފިއެވެ.

އުދަ އަރަމުންދާ ކަމަށް ފާހަގަ ކުރެވެނީ، ކިންގް ސަލްމާން މިސްކިތުގެ ދެކުނު ފަރާތުގައި އޮންނަ ޕާކިންގ ޒޯނާއި ދިމާލުންނެވެ. އެގޮތުން، ލޮނުގަނޑުވަނީ ބައިބަލާ ކުޅޭ ސަރަހައްދާ ހަމައަށް އަރާފައެވެ.

މާލޭ ސަރަހައްދަށް މޫސުން ގޯސްވާ ދުވަސްވަރު، މިސަރަހައްދަށް އުދަ އެރުމަކީ އާންމު ކަމެެކެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުން އަންނަ ދުވަސްވަރަކަށް ވާއިރު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ މެދު ރާއްޖެތެރެެއާއި އުތުރުގެ ހިސާބުތަކަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރު ކުރުމުގައާއި ބޭރުގައި އުޅޭއިރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ނަސޭހަތްތެރި ވެފައެވެ.