ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނުރައްކާތެރި އުދުވާނުތައް އަރަބި ލީގުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފިއެވެ.
އަރަބި ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގުދުސް ހިމެނޭގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތަކުގެ ރައްދުގައި ފަލަސްތީނު މީހުން ހިންގާ ހުރިހާ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލުން ކަމަށެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ރަށްތަކުގައި އަނިޔާވެރިކަން އިތުރުކޮށްފައި ވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 6 ޒުވާނުންގެ ގަޔަށް ބަޑިޖަހައި ވަނީ ޝަހީދު ކޮށްލާފައެވެ. ބުދަދުވަހު ބަޑިޖަހައި ޒަޚަމްކޮށްލި ޒުވާނަކު މިރޭ ނިޔާވުމާ ގުޅިގެން ޖުމްލަ އަދަދުވަނީ ހަޔަކަށް އަރާފައެވެ.
ބުރާސްފަތި ދުވަހު އެކަނިވެސް އިސްރާއީލު ސިފައިން ފަލަސްތީނުގެ ތިރީހަށްވުރެ ގިނަ ޒުވާނުން ހައްޔަރު ކޮށްފައި ވެއެވެ. ބައެއް ޒުވާނުން ހައްޔަރު ކޮށްފައިވަނީ އެމީހުންގެ ގެތަކަށް ވަދެގަނެ ޖަހައިގަނެގެން ގޮހެވެ.
ހުޅަނގު އައްސޭރީގެ ރަށްތަކުގައި އިސްރާއީލުން އަނިޔާވެރިކަން އިތުރުކޮށްފައި ވާއިރު، މިއަހަރުގެ ޖެހުއަރީން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 36 މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައި ވެއެވެ. އަދި 1،100 އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވެއެވެ.
އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި ޝަހީދުކުރި އަދި ހިފައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ވޭތުވެދިޔަ ދެހަފްތާ ތެރޭގައި އިސްރާއީލުންވަނީ ފަލަސްތީނުގެ 21 އާއިލާއެއްގެ ގެދޮރު ތަޅައި ބިމާހަމަ ކޮށްލާފައެވެ.
އަރަބި ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 1948 ވަނަ އަހަރު ހަދާފައިވާ ފޯރތު ޖެނީވާ ކޮންވެންޝަންގައި ހިމަނާފައިވާ ޒިންމާތައް އިސްތިއުމާރީ އިސްރާއީލުން އަދާ ނުކުރާތީ އިސްރާއީލު ހުއްޓުވުމަށާއި، އިސްރާއީލުން ހިންގާ ޖަރީމާތައް ފޮނުރުވުން ބައިނަލްއަގްވާމީ މުޖުތަމައުން ހުއްޓާލަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށެވެ.
ސަރަހައްދުގެ ސަލާމަތާއި ސުލްހަ ގާއިމް ކުރެވެން އަންނަނީ އިސްރާއީލުގެ އިސްތިއުމާރަށް ނިމުން ގެނެސްގެން ކަންވެސް އަރަބި ލީގުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ފަލަސްތީނުގެ އާންމު ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނުތަކާއި، ގެދޮރު ސުންނާފަތި ކުރުން ހުއްޓުވުމަށް ދުނިޔޭގެ ހުރިހާ ގައުމުތަކުންނާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޒިންމާދާރު ފިޔަވަޅުތަކެއް އަޅައި އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމަށްވެސް އަރަބި ލީގުން ގޮވާލާފައި ވެއެވެ.
ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށްވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ.
ބުދަދުވަހު ބޭއްވި އަރަބި ޕާލަމެންޓްގެ ޖަލްސާގައި، އިސްރާއީލުން ޚާއްސަކޮށް ފަލަސްތީނުގެ ޖެނީންގައި ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތައް އަދި ގުދުސްއާއި ފަލަސްތީނުގެ އެހެން ރަށްތަކުގައި ހިންގާ އުދުވާނުތައްވެސް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ.
އިސްރާއީލުގެ އަނިޔަވެރިކަން ހައްދުފަހަނައަޅައި ދިއުމުން، ފަލަސްތީނުގެ ރަށްތަކުގައި އަނެއްކާވެސް ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އެކިއެކި ފަރާތްތަކުން ދެމުން އެބަގެންދެއެވެ.
މުޅި ހުޅަނގު އައްސޭރިއާއި، އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ބައެއް ގައުމުތަކާ ދެމެދު ކުރި 6 ދުވަހުގެ ހަނގުރާމައަށް ފަހުގައެވެ. އޭގެ އެތައް އަހަރެއް ފަހުން އިސްރާއީލުންވަނީ މުޅި ގުދުސްއަކީ އިސްރާއީލުގެ އަމިއްލަ ބިމަކަށް ހަދާފައެވެ. އަދި ހުޅަނގު އައްސޭރީގެ އެތައް ބިމެއްގައި ޔަހޫދީ އެތައް އާބާދީއެއް ހަދައި، އެ އާބާދީތަކުގައި އެތައްހާސް ޔަހޫދީން ވަޒަންވެރިކޮށްފައި ވެއެވެ.
އަދިވެސް އިސްރާއީލުން ގެންދަނީ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ހެދުން އިތުރަށް ފުޅާކޮށް ބިންތަކަށް ވެރިވެގަންނަމުންނެވެ.