ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ ރައްޔިތުން އެތަނަށް ކުލި ދައްކަން ފަށަންޖެހޭ މުއްދަތު އިތުރު ތިންހަތަރު މަހަށް ފަސްކޮށްދިނުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ ހިޔާ ފްލެޓުތައް ލިބުނު މީހުންނާ އެތައް ދުވަސްތަކަކަށްފަހު އެތަން ހަވާލުކުރިއިރުވެސް ހަވާލުކުރީ ތަން ނުނިންމާ ކަމަށެވެ. އެކަމުން ރައްޔިތުންނަށް ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ ތަން ނިންމަން ބޮޑެތި ޚަރަދުތަކެއް ކުރަން ރައްޔިތުންނަށް ޖެހިފައިވާ ކަމަށެވެ.
އެގޮތުން އެއްލައްކަ ރުފިޔާއާއި ހަތަރުލައްކަ ރުފިޔާއާ ދޭތެރޭ ޢަދަދެއް ފްލެޓުތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހޭދަކުރަން ރައްޔިތުންނަށް ޖެހިފައިވާ ކަމަށާއި މިހާ ބޮޑު ޚަރަދެއް ކުރަން ޖެހުމުން ގިނަ މީހުން ދަރަނިވެރިވެފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓުގައި އާންމުގޮތެއްގައި ދިރިއުޅެނީ މިޙާލުގައި އުޅޭ ބައެއް ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ނުދަންނަ ކަމަށެވެ. ނުވަމަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ދިނުމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް އެދުމުން ވެސް ސަރުކާރުން އެކަމަށް އިޖާބަ ނުދިންކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
އަދި ރޯދަމަހާ ދިމާކޮށް ކުލި ނަގަން ފަށަން ނިންމުމުން، ކުލި ނެގުން ފަސްކޮށްދިނުމަށް އެމަނިކުފާނު ސަރުކާރުގައި އެދިވަޑައިގަތުމުން އެކަންވެސް ހަމަޖައްސައިދީފައި ނުވާ ކަމަށާއި މާލޭގެ އެތައް ހާސް ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެތައް ހާސް ރަައްޔިތުން ހިޔާ ފްލެޓަށް ބަދަލުވެފައިވާއިރު، އެމީހުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅި، އަތުގައި ނެތް އެއްޗަކުން ކުލި ދައްކަން މަޖުބޫރުވުމަކީ ސިޓީ ކައުންސިލުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.