ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާ ގުޅިގެން، މިކަމުގެ ތެރެއަށް ޣައްޒާ ވަދެ އަނެއްކާވެސް ހަނގުރާމައެއް ފެށިދާނެތީ އެފަދަ ކަމެއް ހިނގިޔަ ނުދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން މަސައްކަތް ފަށައިފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާއި އިސްރާއީލާ ދެމެދު އެންމެފަހުން ވަރުގަދަ ހަނގުރާމައެއް ހިނގައިދިޔައީވެސް، ހަމާސްއިން އިންޒާރު ދެމުން ގެންދަނިކޮށް އިސްރާއީލު ސިފައިން މަސްޖިދުލް އަގްސާގެ ތެރެއަށް ވަދެގަތުމުންނެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި އަނިޔާވެރި ލާއިންސާނީ ޖަރީމާތައް ހިންގައި، ފަލަސްތީނުގެ އާންމުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށް، އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށް، ފަލަސްތީނު ރައްޔިތުންގެ ގެދޮރު ތަޅައި ސުންނާފަތި ކުރަމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަލަސްތީނުގެ އެތައްހާސް ބަޔަކު އަގްސާ މިސްކިތަށް ޖަމާވެފައި ތިއްބައި، މިސްކިތުގެ ހަރިންމަ ތެރެއަށާއި، މިސްކިތުގެ ހަރިންމަތެރެގައި ހުންނަ ޤިބްލިއާ ނަމާދު ހޯލަށް އިސްރާއީލު ފުލުހުން ވަދެގަނެ، ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވެއެވެ.

އިސްރާއީލު ފުލުހުންނާ ދެކޮޅަށް ފަލަސްތީނު ރައްޔިތުންވެސް އޮށްގަލުން ހަމަލާތައް ދީފައިވާއިރު، އިސްރާއީލު ފުލުހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. އަދި އިސްރާއީލު ފުލުހުންވަނީ ފަލަސްތީނުގެ 400 އަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައެވެ.

އަގްސާ މިސްކިތަށް ވަދެގަތް އިސްރާއީލު ފުލުހުންނަށް ފަލަސްތީނުގެ ޒުވާނުން އޮށްގަލުން ހަމަލާދެނީ:

އިސްތިއުމަރީ އިސްރާއީލުން ފުލުހުން ފޮނުވައިގެން އަގްސާ މިސްކިތުގެ ތެރޭގައި ހިންގި އުދުވާނާ ގުޅިގެން، އިސްރާއީލު ކުށްވެރިކޮށް އަދި ހުޅަނގު އައްސޭރިއާއި ގުދުސްގެ ރައްޔިތުންނަށް ތާއީދު އޮތްކަން ހާމަކޮށް ޣައްޒާގައި މިއަދުވަނީ ވަރަށް ވަރުގަދަ މުޒާހަރާއެއް ކޮށްފައެވެ.

ޚާން ޔޫނިސްގައި ބޭއްވި އެއްވުމުގައި ޣައްޒާގެ އެތައްހާސް ބަޔަކު ބައިވެރިވި ކަމަށް ފަލަސްތީނުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. މުޒަހަރާއަށް ނުކުތް މީހުންވަނީ، އިސްރާއީލުގެ އުދުވާނުތަކުން އަގްސާ މިސްކިތް ދިފާއުކުރާނޭ ކަމަށް ވައުދުވެފައެވެ.

އިސްރާއީލުން އަގްސާ މިސްކިތުގައި ހިންގި އުދުވާނާއި އަދި ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކާ ގުޅިގެން ޣައްޒާގައި ވެރިކަންކުރާ ހަމާސްއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް، ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ އުދުވާނުތަކާ ގުޅިގެން ޣައްޒާގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ އިސް އޮފިޝަލުން، ހަމާސްގެ ވެރިޔާ އަދި ޣައްޒާގައި ވެރިކަންކުރައްވާ ޔަހްޔާ ސިންވާރުއާ ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވާފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ބައެއް ޖަމާއަތްތަކުން ވަނީ، ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގުމަށްފަހު އިސްރާއީލަށް ހިމޭނުން އޮވެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި، މިހާރު ހިންގާ ހުރިހާ ޖަރީމާތަކެއްގެ އަގު އިސްރާއީލުން ދައްކަންޖެހޭނޭ ކަމަށެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން މަޑުން ނުތިބޭނޭ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.