މުސްލިމުން ތިމާގެ އަމިއްލަ އުފަންދުވަހާއި، އަދި ލޯބިވާ މީހުންގެ އުފަންދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަކީ ދީނީގޮތުން އެއްވެސް މައްސަލައެއް އޮތްކަމެއް ނޫން ކަމަށް ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޤައިސް ބިން މުހަންމަދު އައްޝައިޚް މުބާރަކް ވިދާޅުވެއްޖެއެވެ.

ޑރ. ޤައިސް ބިން މުހަންމަދު އައްޝައިޚް މުބާރަކްއަކީ ސައުދީ އަރަބިއްޔާގެ އެންމެ އިސް ޢިލްމުވެރިންގެ މަޖިލީހުގެ ކުރީގެ މެމްބަރެއްވެސް މެއެވެ.

ޑރ. ޤައިސް ވިދާޅުވީ، އުފަންދުވަސް ފާހަގަކުރުމަކީ، އަހަރީ ދުވަސްތައް ފާހަގަކުރުމާއި، ތިމާއަށް ލިބޭ ކާމިޔާބީއެއް ނުވަތަ ތިމާމެންގެ ދަރިންނަށް ހޯދާ ކާމިޔާބީ، ތައުލީމީ ޑިގްރީއެއް ނުވަތަ ޔުނިވަރސިޓީން ގްރެޖުއޭޓްވެގެން އެކަން ފާހަގަކުރުމާ އެއްފަދަ ކަމެއް ކަމަށެވެ.

ޑރ. ޤައިސް ބިން މުހަންމަދު އައްޝައިޚް މުބާރަކް ވިދާޅުވީ، މަތީގައި ބަޔާންކުރެވުނު ކަންކަމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަންކަން ނޫން ކަމަށެވެ.

އުފަންދުވަސްފަދަ، ތިމާއާއި ތިމާގެ ދަރިންނަށް ލިބޭ ކާމިޔާބީ އަދި ތައުލީމީގޮތުން ހޯދާ ކުރިއެރުން ފާހަގަކުރުމަކީ ޘަގާފަތާއި އާދަކާދައިގެ ބައެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށާއި، އެފަދަ ކަންކަމަކީ ދީނުގެ އުސޫލުތަކާއި ހުކުމްތަކާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ޑރ. ޤައިސް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުން، މުސްލިމުން ކުރުން މަނާކުރައްވާފައިވާ ކަންކަމުގެ ތެރޭގައި، އުފަންދުވަސްތައް ފަދަ ދުވަސްތައް ފާހަގަކުރުން ހިމެނިފައި ނުވާކަމަށްވެސް ޑރ. ޤައިސް ވިދާޅުވިއެވެ.

ޑރ. ޤައިސް ބިން މުހަންމަދު އައްޝައިޚް މުބާރަކް، މިމައްސަލާގައި ދައްކަވާފައިވާ ވާހަކަތަކަށް ބާރުލިބޭގޮތަށް އޭނާ ހާމަކުރެއްވި އިތުރު ދަލީލުތައް، މިކަމާ ގުޅޭގޮތުން ސައުދީ ގެޒެޓުން އާންމުކޮށްފައިވާ ޚަބަރުގައި ހިމަނާފައި ވެއެވެ.