ފަލަސްތީނުގައި ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނާ ގުޅިގެން ދިވެހި ސަރުކާރުން ބަހެއް ނުކިޔާ، ހަނު ހުރުމުން އިދިކޮޅު ލީޑަރުންނާއި ބައެއް އާންމުންގެ ފާޑުކިޔުން އަމާޒުވެެއްޖެއެވެ.

އެ ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ޓެގުކުރައްވައި އިދިކޮޅު ޕީއެމްސީގެ ނައިބު ރައީސް އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާޙިމް ޝުޖާޢު ވަނީ ޓްވިޓަރގައި ފާޑު ވިދާޅުވެ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

ޝުޖާއު ވަނީ [ފަލަސްތީނުގައި އުދުވާނެއް ހިނގަމުންދާއިރު] ދިވެހި ސަރުކާރު ނިދާފަތޯ ސުވާލު އުފައްދަވާފައެވެ. އަދި ދިވެހިންނަށް ލިބުނު ފަހުރުކަމަށް ދަޢުވާކުރި ދުނިޔޭގެ ރައީސް [އދ. ގެ އާންމު މަޖިލީހުގެ ރައީސް] އަބްދުﷲ ޝާހިދާއި، އިސްލާމީ ދަޢުލަތެއްގެ ގޮތުގައި އޮތް ދިވެހި ދައުލަތް ހަނު ހުންނަނީ ކީއްވެތޯ ޝުޖާޢު ވަނީ ސުވާލުކުރައްވާފައެވެ.

ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެން ބަހެއެް ބުނެފައި ނުވާތީ ޝުޖާއު ވަނީ މިއީ ފިނޑި ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން، މިފަހުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި އަނިޔާވެރި ލާއިންސާނީ ޖަރީމާތައް ހިންގައި، ފަލަސްތީނުގެ އާންމުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށް، އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށް، ފަލަސްތީނު ރައްޔިތުންގެ ގެދޮރު ތަޅައި ސުންނާފަތި ކުރަމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ނަމަވެސް، މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން އަދި ބަހެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން ސޯޝަލްމީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަލަސްތީނުގެ އެތައްހާސް ބަޔަކު އަގްސާ މިސްކިތަށް ޖަމާވެފައި ތިއްބައި، މިސްކިތުގެ ހަރިންމަ ތެރެއަށާއި، މިސްކިތުގެ ހަރިންމަތެރެގައި ހުންނަ ޤިބްލިއާ ނަމާދު ހޯލަށް އިސްރާއީލު ފުލުހުން ވަދެގަނެ، ފަލަސްތީނު ރައްޔިތުންނަށް ހަމަލާދީ ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވެއެވެ.

އިސްރާއީލު ފުލުހުންނާ ދެކޮޅަށް ފަލަސްތީނު ރައްޔިތުންވެސް އޮށްގަލުން ހަމަލާތައް ދީފައިވާއިރު، އިސްރާއީލު ފުލުހުންގެ ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. އަދި އިސްރާއީލު ފުލުހުންވަނީ ފަލަސްތީނުގެ 400 އަށްވުރެ ގިނަމީހުން ހައްޔަރުކޮށްފައެވެ.