އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަލް-އަޤްޞާ މިސްކިތަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަލް-އަޤްޞާ މިސްކިތަށް ދިން ހަމަލާ ކުށްވެރިކޮށް، މި ބަރަކާތްތެރި ރަމަޟާން މަހު އަޅުކަންކުރަމުން ދިޔަ ފަލަސްތީނުގެ އެއްވެސް ހަތިޔާރެއް ނެތް މީހުންނަށް ހަމަލާދީ، ހައްޔަރުކުރުން ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށެވެ.

އަދި، އަލް އަޤްޞާ މިސްކިތާއި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ ގެ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހުގެ ކަމާބެހޭ ގަރާރުތަކާއި ކަނޑައެޅިގެން ޚިލާފް ޢަމަލުތަކެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ ޖިހާދަށް ދިވެހި ސަރުކާރުން ކުރާ ތާއީދު ދަމަހައްޓާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި، މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރު އިރުމަތީ ގުދުސްއަކީ އެގައުމުގެ ވެރިރަށުގެ ގޮތުގައި އޮތް ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް އޮވެގެން ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން، މިފަހުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުގައި އަނިޔާވެރި ލާއިންސާނީ ޖަރީމާތައް ހިންގައި، ފަލަސްތީނުގެ އާންމުން ޝަހީދުކޮށް، އެތައް ބަޔަކު ޒަޚަމްކޮށް، އެތައްސަތޭކަ ބަޔަކު ހައްޔަރުކޮށް، ފަލަސްތީނު ރައްޔިތުންގެ ގެދޮރު ތަޅައި ސުންނާފަތި ކުރަމުންދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

މިކަމާ މެދު ދިވެހި ސަރުކާރުން ބަހެއް ބުނެފައި މިވަނީ އިދިކޮޅު ހިމެނޭހެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން ކަން ފާހަގަކޮށްލެވެއެވެ.