ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ސ. ފޭދޫ، ޗަބޭލީގޭ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ހަތަރު މީހުންގެ ތެރެއިން ދެމީހުންގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މިމައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.
އޭގެތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތުވެފައިވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި، ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދިފްރާނާއި އިސްމާއީލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ ހުސައިން ޒިޔާދުއާއި، ހަސަން ޝިފާޒުގެ މައްސަލަ އިސްތިއުނާފް ކޮށްފައިނުވަނީ އިސްތިއުނާފު ކުރާ މިންވަރަށް ހެކި ލިބިފައިނުވާތީ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މައްސަލައިގައި ކުށް ސާބިތުވާ ދެމިޙުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ދެމީހުން އުމުރަށް ޖަލަށްލައި، 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ. އެދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިނުވަނީ ޔާމީން ރަޝީދުގެ ވާރިސުންގެ ތެރެއިން އޭނާގެ މަންމަ މަރަށް މަރު ހިފަން ބޭނުން ނުވާތީއެވެ.
ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ، މިބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ޕީޖީ އޮފީހުން ދެކޭކަމަށާއި، މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް ދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ.ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.