ބީއެމްއެލް އިސްލާމިކް އިން ބިޒްނަސް ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އައު ޕޭމަންޓް ސޮލިއުންޝަންއެއްގެ ގޮތުގައި މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑު މިއަދު ތައާރަފްކޮށްފިއެވެ.

އަލަށް ތައާރަފް ކުރެވުނު ކާޑުން ފަސޭހަކަމާއެކު ބިޒްނަސް އެކައުންޓް ބޭނުންކުރުމާއި، ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބަލަހައްޓަން ފަސޭހަވެގެންދާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިންގ ހައްލުތައް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އައު ޕޭމަންޓް ނިޒާމެއް ތައާރަފް ކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި އަލަށް ތައާރަފްކުރެވުނު މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުންވާފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަށް ބީއެމްއެލް އިސްލާމިކް އިން ތައާރަފް ކުރެވުނު ހިދުމަތެއް ކަމަށްވެސް ޓިމް ސޯޔަރ ވިދާޅުވިއެވެ.

ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި މިކާޑުގެ ޚިދުމަތް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އަލަށް ތައާރަފް ކުރެވުނު މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑުގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗަރސްތައް އެކުލެވޭނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 80 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.