އިސްރާއީލުގެ ލާއިންސާނީ ޓެރަރިސްޓް ފުލުހުން އަނެއްކާވެސް މަސްޖިދުލް އަގްސާއަށް ވަދެގަނެ މިސްކިތުގައި ނަމާދަށާއި، ގުރުއާން ކިޔަވަންތިބި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފިއެވެ.

އެގޮތުން، އަގްސާ މިސްތިތުގެ ގޯތިތެރޭގައި ހުންނަ އަލް ޤިބްލި މިސްކިތުގެ ތެރެއަށް ވަދެގަނެ، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްކޮށް، ގަދަބާރުން ބައެއް މީހުން މިސްކިތުން ބޭރަށް ނެރެފައި ވެއެވެ.

އަދި ޤިބްލި މިސްކިތުގެ ފުރާޅުމަތީގައި ތިބެ، މިސްކިތުން ނުކުންނަ މީހުންގެ ގަޔަށް އެއްވެސް ހުރަހަކާ ނުލައި ގެންދިޔައީ ބަޑިޖަހަމުންނެވެ.

އިސްރާއީލުގެ އުދުވާނީ ފުލުހުން ހިންގަމުން ގެންދިޔަ މި ޖަރީމާތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ފަލަސްތީނުމީހުން ނަގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓު ފުލުހުން އަގްސާ މިސްކިތުގެ ގޯތިތެރޭގައި ހުންނަ އަލް ޤިބްލި މިސްކިތުގެ ފުރާޅުމައްޗަށް އަރާތިބެ ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހަނީ:

މިއަދުގެ ހަމަލާތަކުގައި އަނިޔާވި ފަލަސްތީނު އެތައްބަޔަކު އެމްބިއުލެންސްތަކުގައި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އަނިޔާވީ ކިތައް މީހުންނަށް ކަމެއް އަދި ސާފެއް ނުވެއެވެ.

އިސްރާއީލު ފުލުހުން އަގްސާ މިސްކިތަށާއި، މިސްކިތުގެ ހަރިންމަތެރެއަށް އަނެއްކާވެސް މިވަދެގަތީ، ޔަހޫދީ ވަޒަންވެރިންގެ ހަރުކަށި ގްރޫޕްގެ މީހުން އަޅުކަން ކުރަން އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަންނަން ފުރުސަތު ދިނުމުގެގޮތުންނެވެ. އެހެންވެ، ފަލަސްތީނު މީހުން ވަނީ، އެމީހުންނަށް ހުރަސްއަޅަން ބައެއް ދޮރާށިތައް ބަންދުވެސް ކޮށްފައެވެ.

އަދި ގަދަބާރުން މިސްކިތުން ނެރުނު ފަލަސްތީނުމީހުންވަނީ، ޔަހޫދީ ވަޒަންވެރިން ގޮވައިގެން ދަތުރުކުރި ބަސްތަކަށް އޮށްގަލުގެ ވަރުގަދަ ހަމަލާތަކެއްވެސް ދީފައެވެ.

އިސްރާއީލު ފުލުހުން މިސްކިތަށް ވަދެގަނެ ހަމަލާތައް ދޭން ފެށުމުން، އަގްސާ މިސްކިތުގެ ގޯތިތޭރައި ހުރި ލައުޑްސްޕީކަރުތަކުން އެހީއަށްއެދި ގޮވާފައި ވެއެވެ.

އަދި އަގްސާ މިސްކިތުގެ ގޯތިތެރޭގެ އެންމެ ދެކުނަށް ހުންނަ އިމާރާތުގެ ތެރޭގައި ތަޅުލައިގެންތިބި ފަލަސްތީނު މީހުން އަދިވެސް އެހީއަށް އެދި ލައުޑްސްޕީކރުން ގޮވަމުންދާ ކަމަށް ފަލަސްތީނު މީޑިއާއިން ބުނެއެވެ.