ފުޓުބޯޅައިގެ ތާރީހުގައިވެސް ފެނިގެންދާނެ އެންމެ ހުނަރުވެރި، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ޕޯޗުގަލް އާއި މެންޗަސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ، މޮޅު ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ފާހަގަކުރެވޭނެ އެއް ނަމެވެ.

ލަނޑު ޖެހުމުގައި އެފަދަ ދެވަނައެއް ނެތް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ އަކީ ލަނޑުޖެހުމުގެ އެތަކެއް ރެކޯޑުތަކެއް ގާއިމް ކޮށްފައިވާ "ގޯލް މެޝިން" އެކެވެ.

ލަނޑުޖެހުމުގެ އިތުރުންވެސް ރޮނާލްޑޯ އަކީ ފުޓުބޯޅައިގައި އެތަކެއް ކާމިޔާބީތަކެއް ހޯދާ، އެތައް ޝަރަފެއް ލިބިފައިވާ އެފަދަ ދެވަނައެއް ނެތް ވިދުންގަދަ ތަރިއެކެވެ.

ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިއަކަށް ލިބޭނެ ގާތްގަނޑަކަށް ހުރިހާ ޝަރަފަކާއި އެވޯޑެއް ރޮނާލްޑޯ ވަނީ ހޯދާފައެވެ. އެގޮތުން ވަކިވަކު ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑް، ބެލަންޑޯ އެވޯޑް ފަސް ފަހަރަށް ރޮނާލްޑޯ ހޯދާފައިވެއެވެ. އަދި ފީފާ ވޯލްޑް ޕްލެޔަރ އޮފް ދަ އިޔަރގެ އެވޯޑް އެއފަހަރަށް ހޯދިއެވެ. އަދި ދަ ބެސްް ފީފާ މެންސް ޕްލެޔަރ އެވޯޑް ދެފަހަރު، ފީފާ ސްޕެޝަލް އެވޯޑް ފޯ އައުޓްސްޓޭންޑިންގ ކެރިއަރ އެޗީވްމަންޓުވެސް ރޮނާލްޑޯ ހޯދާފައިވެއެވެ. މިއީ ރޮނާލްޑޯ ހޯދާފައިވާ އެވޯޑް ތަކުގެ ތެރެއިން މަދު އެވޯޑެކެވެ.

ކުލަބު ކެރިއަރުގައި އާއި ބައިނަލްއަގްވާމީ ފުޓުބޯޅައިގައިވެސް ރޮނާލްޑޯ ވަނީ އެތައް ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ކުލަބުތަކަށާއި ގައުމީ ޓީމަށް ޖުމްލަ 810 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭގެތެރެއިން 695 ލަނޑަކީ ކުލަބު ފެންވަރުގައި އޭނާ ކާމިޔާބުކުރި ލަނޑުތަކެވެ. އަދި 115 ލަނޑާއެކު ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އޮތް އެތްލީޓެވެ.

މީގެއިތުރުން ވަކި މެޗުތަކުގައި ތިން ލަނޑު ޖަހާ، ހެޓްރިކް ފުރިހަމަކުރުމުގައިވެސް ރޮނާލްޑޯ އަކީ ރެކޯޑް ހޯލްޑަރެކެވެ. މިހާތަނަށް ކެރިއަރުގައި ރޮނާލްޑޯ ވަނީ 60 ހެޓްރިކް ހަދާފައެވެ. މީގެތެރެއިން 30 ހެޓްރިކަކީ އޭނާގެ އުމުރުން 30 އަހަރު ވުމުގެ ކުރިން ހެދި ހެޓްރިކް ތަކެކެވެ. އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަނެއް 30 ހެޓްރިކް ހަދާފައިވަނީ ފާއިތުވީ 7 އަހަރުގެ ތެރޭގައި، 30 އަހަރުވީ ފަހުންނެވެ.

އުމުރުން ކިތަންމެ ދޮށިވިޔަސް ލަނޑުޖެހުމުގައި އާއި އޭނާ ކުޅޭ ޓީމުތަކަށް ކާމިޔާބީ ހޯދައިދިނުމުގައި ރޮނާލްޑޯ އާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރެވޭ އިތުރު ކުޅުންތެރިއަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރޮނާލްޑޯގެ ހެޓްރިކް ތަފާސްހިސާބަށް ބަލާލާއިރު، ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ ވަނީ ތިން ހެޓްރިކް ހަދާފައެވެ. ޔުވެންޓަސްގެ ޖާޒީގައިވެސް 3 ހެޓްރިކް ރޮނާލްޑޯ ހަދާފައިވާއިރު ޕޯޗުގަލްގެ ގައުމީ ޓީމާއެކު ރޮނާލްޑޯ ވަނީ 10 ހެޓްރިކް ހަދާފައެވެ. އެންމެ ގިނަ ހެޓްރިކް ރޮނާލްޑޯ ހަދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރުއެވެ. އެކުލަބާއެކު 44 ހެޓްރިކް ރޮނާލްޑޯ ހަދާފައިވެއެވެ.

މުސްކުޅިވެއްޖެ ކަމަށްބުނެ މަދުބަޔަކު ރޮނާލްޑޯ އަށް ފާޑުކިޔާ ކޮންމެ ފަހަރަކު އޭނާ ވަނީ އެމީހުންނަށް ދަނޑުމަތީގައި ރައްދު ދީފައެވެ. އެގޮތުން މި ސީޒަނުގައި ރޮނާލްޑޯ އަށް މެންޗަސްޓަރ ޔުނައިޓެޑާއެކު އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށް ބުނަމުންދިޔަ މީހުންނަށް ރޮނާލްޑޯ ރައްދު ދިނީ ޕްރިމިއަރ ލީގުގައި އެންމެފަހުން ޔުނައިޓެޑުން ނޯވިޗް ސިޓީގެ މައްޗަށް 2-3 އިން ކުރިހޯދި މެޗުގައި ހެޓްރިކް ފުރިހަމަކޮށްގެން އެޓީމު މޮޅުކޮށްދީގެންނެވެ.

2002 ވަނަ އަހަރު ޕޯޗުގަލްގެ ސްޕޯޓިންގ އިން ކެރިއަރު ފެށި ރޮނާލްޑޯ އަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި ދެ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ޕޯޗުގަލް އާއިއެކު ޔޫރޯ ކާމިޔާބު ކުރުމުގެ އިތުރުން 5 ފަހަރެއްގެ މަތިން ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ކުޅުންތެރިއެކެވެ.