ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ފިޓްނަސް ލެވަލް ރަނގަޅު ކުރުމަށް ރާއްޖޭގެ މަޝްހޫރު ދިގުރާސްތާ ދުވުމުގެ ޓީމު، މެރަތަން ރަނާސް އާއި ގުޅިއްޖެއެވެ.

މިކަން ހާމަކޮށް މެރަތަން ރަނާސްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއް މެދުވެރިކޮށެވެ.

މެރަތަން ރަނާސް އިން ބޭއްވި ރޯދަ ވިއްލުމެއްގެ ތެރެއިން، ދަގަނޑޭ އަށް މެރަތަން ރަނާސްގެ ޖާޒީ ހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާކޮށް އެޓީމުގެ ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އެޓީމާއި ވަރަށް ހާއްސަ ޝަހުސިއްޔަތެއް ކަމުގައިވާ އަލީ އަޝްފާގް ގުޅޭކަން ހާމަކުރާ ކަމަށާއި ދަގަނޑޭ އަށް ޓީމަށް މަރުޚަބާ ކިޔާ ކަމަށެވެ. އަދި މެރަތަން ރަނާސްގެ މެމްބަރަކަށް ދަގަނޑޭ ވުމުން އެކަމާ އުފާކުރާ ކަމަށްވެސް ޕޯސްޓުގައި ބުނެފައިވެއެވެ.

އޮންލައިން ނޫސް "އަދަދު" އަށް މައުލޫމާތު ދެމުން މެރަތަން ރަނާސް އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ، ރާއްޖޭގައި މި ވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ ދިގު ރާސްތާ ދުވުންތެރިން ތަމްރީން ކުރަމުން އަންނަ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު) ބުނީ، ދަގަނޑޭ ބޭނުންވާ ފަންތިއަކަށް ފިޓްނަސް ރަނގަޅުކުރަން އޭނާއަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދޭން ތައްޔާރަށް ހުރިކަމަށެވެ.

ފިޓްނަސް ރަނގަޅު ކުރުމަށް ދަގަނޑޭ ނަސްރުގެ މެރަތަން ރަނާސް އާއި ގުޅުނުއިރު، އޭނާ ވަނީ ކޮވިޑުގެ ހާލަތުގެ ސަބަބުން ކުޅިވަރު ކުޅުމަށް ހުރި ހުރަސް ތަކާއެކު 2020 ވަނަ އަހަރުގެ ތެރޭގައިވެސް، ގައުމީ ސްޕްރިންޓް ކޯޗު އަހުމަދު ފާއިލް އާއިއެކުވެސް ފިޓްނަސް ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ކްލަބް ވެލެންސިއާގެ ކޮންޓްރެކްޓެއްގައި ހުރި ދަގަނޑޭ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިވަގުތު ހުރީ ފުޓުބޯޅަ ކުޅުމާއި ދުރުގައެވެ. އެގޮތުން ފާއިތުވީ 4 މަސް ދުވަހުގެ ތެރޭގައި ދަގަނޑޭ ރަސްމީ މެޗެއް ކުޅެފައި ނުވާއިރު، އޭނާ އެންމެފަހުން ކުޅެފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައެވެ. އޭގެފަހުން ވެލެންސިއާ އިން ކުޅުނު އެއްވެސް މެޗެއްގައި ދަގަނޑޭ ފެނިގެން ނުދާއިރު، ރާއްޖޭގެ ގައުމީ ޓީމުން މާޗު މަހު ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗަށް އެކުލަވާލި ސްކޮޑުގައިވެސް ދަގަނޑޭ ނުހިމަނައެވެ. ސްކޮޑުގައި ދަގަނޑޭ ނުހިމެނީ، ފިޓްނަސް ރަނގަޅު ނޫން ކަމަށްބުނެ ދަގަނޑޭ އަމިއްލައަށް އެދުމުން ކަމަށް ގައުމީ ކޯޗު ވަނީ ބުނެފައެވެ.