ދިރިއުޅުމުގައި ކިތަންމެ ގިނަ ދެރައެއް ލިބުނަސް، އެހެން މީހުންނާމެދު އޯގާތެރިވުމަށް ޒިމްބާބްވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ނަސޭހަތްތެރި ވެއްޖެއެވެ.

ސޯޝަލްމީޑިއާގައި 2..76 މީހުން ފޮލޯކުރާ އިލްމުވެރިޔާ އިސްމާއިލް އިބުން މޫސާ މެންކް ނުވަތަ އާންމު ނަމުންނަމަ މުފްތީ މެންކް އަންނަނީ ދީނީ ދަރުސްތަކުގެ އިތުރުން މުޖުތަމައުއަށް މަންފާކުރާނެ ބޭނުންތެރި އެތައް ނަސޭހަތެއް ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ.

މިގޮތުން، މިއަދު މުފްތީ މެންކް ވަނީ އޭނާގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވަރަށް މުހިންމު ނަސޭހަތެއް ދެއްވާފައެވެ.

އޭނާ ބުނެފައިވަނީ ދުނިޔޭގައި އުޅޭއިރު ހިތާމަތަކާއި ކުރިމަތިވާނެ ކަމަށާއި އެކަމުގެ ސަބަބުން މީހާ ހާސްވެ ކަންބޮޑުވާ ހާލަތަށްވެސް ދާނެކަމަށެވެ.

ނަމަވެސް، އެފަދަ ހާލަތްތަކުގައި ވެސް ރުޅިއާއި އުދާސްވެރިކަން އިސް ނުކުރުމަށް އޭނާ އެދެއެވެ. އޭގެ ބަދަލުގައި އެ ފަދަ ހާލަތެއްގައި ހުރެމެވެސް އެހެން މީހުންނާ މެދު އޯގާތެރިކޮށް ހިތުމަށް މުފްތީ މެންކް ނަސޭހަތްތެރިވިއެވެ.

ސަބަބެއެް ކަމަށް އޭނާ ބުނެފައި ވަނީ، އަނެކާވެސް ތިބާ ފަދައިން ހިތާމަ އާއި ހިތްދަތިކަން ތަޖުރިބާކޮށްފާނެތީއެވެ. އަނެކާ ހުރި ހާލަތު ތިބާއަށް ވަޒަން ނުކުރެވޭނެތީއެވެ.

ހިތާމަ އާއި ހިތްދަތިކަމުގެ ހާލަތުގައި ކެތްތެރިކަން އިސްކޮށް އެހެން މީހުންނާމެދު އޯގާތެރިވުމުން ނަތީޖާ ފޮނިވާށެ ކަމަށް މެންކް ބުނެފައި ވެއެވެ.

ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ މުފްތީ މެންކް މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ޒިޔާރަތްކޮށް، މާލޭގައި ދެއްވި ދަރުހެއްގައި ވެސް މިފަދަ ނަސީހަތެއް ދެއްވިއެވެ.

އެ ދަރުހުގައިވެސް މެންކް އެދުނީ އެކަކު އަނެކަކަށް އިހުތިރާމުކުރާށެވެ. މަޑުމައިރިތިކަމާއެކު ރީތިކޮށް ވާހަކަދައްކާށެވެ. އަދި އެކަކު އަނެކާއަށް ރަހުމުކުރާށެވެ.

ދަތި އުނދަގޫ ހާލަތުގައި ދިރިއުޅުމަށް ނުވަތަ ކަމެއް ކުރަންޖެހުނު ނަމަވެސް މާތްﷲއަށް ޝުކުރުވެރިވެ، އުފަލުގައި ދެމިހުރުމަށް މެންކް ގޮވާލެއްވިއެވެ. އަދި ދުނިޔެމަތީގައި އިމްތިހާނުތަކާއި ގޮންޖެހުންތައް ކުރިމަތިވަނީ ހަމައެކަނި މުސްލިމުންނަށް ނޫންކަމަށާއި، އެހެން ނަމަވެސް މާޔޫސްނުވެ ކަންކަން ކަޑައްތުކުރުމަށް ގޮވާލެއްވިއެވެ.

މުފްތީ ވިދާޅުވީ އެންމެ ތަގުވާވެރި މީހަކީ އޭނާގެ އަހުލާގާއި ޝަހުސިއްޔަތުން ތަގުވާވެރިކަން ދައްކުވައިދޭ މީހާ ކަމަށެވެ. އަދި މިއީ އެމީހެއްގެ މައްޗަށް މާތްﷲގެ ރަހުމުފުޅު އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައިވެސް ރީތި ރާގާއި ރީތި ބަހުރުވަ ބޭނުންކުރުމަށް މެންކް ރާއްޖޭގައި ދެއްވި ދަރުހުގައި ނަސޭހަތްތެރިވިއެވެ.