ކުޑަ އަަދަދެއް ބަޖެޓްގައި ހުރުމުން މަސައްކަތް ކުރިއަށް ގެންދަން އުނދަގޫވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓާރ މަހުލޫފް މިފަދައިން ވިދާޅުވީ 19 ވަނަ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލަސާގައި މިއަދު މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މަހުލުފް ވިދާޅުވީ ޔޫތް މިނިސްޓްރީގެ ބަޖެޓުގައި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް، ދާގޮތަށްގޮސް ނިންމާލެވޭނެ ވަރުގެ ބަޖެޓެއް ނެތްކަމަށެވެ.
އަދި މަސައްކަތް ކުރަމުން އަންނަނީ، ބައިވަރު މަސައްކަތްތައް އިއުލާނު ކޮށްގެން އެންމެ ބާރަށްދާ މަސައްކަތްތަކަށް އެހެން ކޯޑުތަކުން ފައިސާ ޓްރާންސްފާ ކޮށްގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މަހުލުފް ވިދާޅުވީ ފުޓްބޯޅަ ދަނޑެއްގަ ސަބްބޭސް ނިންމާފަ ޓާފް އަޅާފަ ވަށާފާރާ ފެންސުގެ މަސައްކަތް ނިންމާލާއިރުވެސް 8.5 މިލިއަން ވަރަކަށް ރުފިޔާ ހަރަދުވާ ކަމަށެވެ.
އެހެންކަމުން އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ދަނޑުތައް މަރާމާތު ކުރުމަށް ބަޖެޓު ހުންނަނީ ވަރަށް މަދުފަހަރެއްގައި ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
ބަޖެޓް އެކުލަވާލާއިރު މަރާމާތުގެ ކަންކަމަށް ވަކި ކޯޑެއް ކަނޑައަޅަންޖެހޭ ކަމަށާއި، އެގޮތަށް ކަނޑައަޅާފައި ނޯންނާތީ މަރާމާތުގެ ކަންކަމަށް ބޭނުންކުރަން ޖެހެނީ ސްޕޯޓްސްއަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.