މިމަހުގެ 14 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިއޮތް ޝާހިދު ކަޕޫރުގެ ފިލްމު "ޖާރޒީ" އަށް ކޮޕީކުރުމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެން ފިލްމު ރިލީޒްކުރުން ވަގުތީގޮތުން ފަސްކޮށްފިއެވެ.

މިފިލްމަކީ ކޮޕީއެއްކަމަށާއި ފިލްމުގެ އަސްލު ވާހަކައަކީ ލިޔުންތެރިޔާ ރަޖްނީޝް ޖެއިސްވާލްގެ ވާހަކައެއްކަމަށް ބުނެ، މައްސަލަ ހައިކޯޓަށް ހުށަހެޅުމާއެކު ފިލްމު ރިލީޒްކުރުމުގެ މަރުހަލާވަނީ ހުއްޓާލާފައެވެ.

ހަފްތާއެއްހާ ދުވަހަށް މިމައްސަލަ ހައިކޯޓުން ބެލުމަށްފަހު މައްސަލަ ނިމުނީ "ޖާރޒީ" ގެ ޕްރޮޑިއުސަރު އަމަން ގިލްގެ ކޮޅަށެވެ.

އަމަން ގިލް މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ހައިކޯޓުން މައްސަލަ ނިންމާފައިވާ ކަމަށާއި މިހާރު ފިލްމު ރިލީޒްކުރަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ޕްރޮޑިއުސަރު އަމަން ބުނިގޮތުގައި އެމީހުންނަށް ފިލްމު ބުރާސްފަތި ދުވަހުވެސް ރިލީޒްކުރެވެން އޮތެވެ. އެހެންނަމަވެސް އަވަސް އަރުވާލައިގެން ފިލްމު ރިލީޒްކުރުމަށްވުރެ ބޮޑަށް ބޭނުންވީ ވަގުތު ހަމަޖައްސަލާމުށްފަހު ފިލްމު ރިލީޒްކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށެވެ.

ތެލުގޫ ފިލްމު "ޖާރޒީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ މިފިލްމު މީގެކުރިންވެސްވަނީ އެކި ސަބަބުތަކާއި ހެދި ރިލީޒްކުރުން ލަސްވެފައެވެ. މިފަހަރު ފިލްމު ހަފްތާއެއްހާ ދުވަހަށް ފަސްކުރީ "ކޭ.ޖީ.އެފް 2" ރިލީޒްކުރާ ދުވަހާ ދިމާވާތީކަމަށްވެސް އެއްބަޔަކުވަނީ ބުނެފައެވެ.

އެހެންނަމަވެސް މިފިލްމަށް މިހާރު ދިމާވި ހަގީގީ މައްސަލައިން އަރައިގަނެވި ފިލްމަށް މިހާރުމިވަނީ އާ ތާރީޚެއް ލިބިފައެވެ.

ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުން ދައްކުވައިދޭ މިފިލްމުގެ މެއިން ލީޑްއިން ފެންނާ އެކްޓަރު ޝާހިދު ކަޕޫރު އަދި ބަތަލާ މްރޫނަލް ޓާކުރްއެވެ.

"ޖާރޒީ" ގެ ތެލުގޫ ފިލްމަކީ ބޮޑު ކާމީޔާބީއެއް ހޯދާފައިވާ ފިލްމެއްކަމުން މިފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އެކްޓަރު ޝާހިދު ކަޕޫރު އެންމެ ފަހުން ކުޅެފައިވަނީވެސް ތެލުގޫ ރިމޭކްއެކެވެ. އެއީ 2019 ވަނަ އަހަރު ރިލީޒްވި ހިޓް ފިލްމު "ކަބީރް ސިންގް" އެވެ.

ފިލްމު "ޖާރޒީ" ގެ އިތުރުން ޝާހިދު ކަޕޫރުގެ އަތުގައި މިވަގުތުއޮތީ އެންމެ ފިލްމެކެވެ. އެއީ އަދި މަސައްކަތްކުރަން ފަށާފައި ނުވާ ފިލްމު "ބްލަޑީ ޑެޑީ" އެވެ.