ތިރީގައި މިވަނީ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.

*****

ފިހާރައިން ނިކުމެ މަގުގެ ދެކޮޅު ބެލުމެއްނެތި އަހަރެން މިސްރާބު ޖެހީ މަގު ހުރަސް ކުރުމަށެވެ. ކާރޫބާރޫބޮޑު ސޯސަންމަގުގެ ދެކޮޅު ބަލާލަންވެސް އަހަރެންނަށް ފަރުވާކުޑަކޮށްލެވުނީ ބްރޭކް ނިމި އޮފީހަށްދާން ގަޑިޖެހޭތީއެވެ. މެންދުރުގެ ހޫނު އެންމެ ބާރު ވަގުތުކަމުން އަވިން ސަލާމަތްވުމަށް ދެންމެ ސިންދިތާއިން ގަތް ފޮތިކޮޅުލީ ކޮތަޅު ކަނާއަތުން ބޯމަތިކޮށްގެން މަގުހުރަސްމަތިން ހިނގަމުން ދިޔައިރު މިއީ މާލެކަން އަހަރެންގެ ހަނދާނުން ކައްސާލީއެވެ. ރުންރޫން ލައްވަމުން ސައިކަލުތަށް އަހަރެންގެ ދެފަރާތުން ބާރު ބާރަށް ދުއްވަމުންދަނިކޮށް ކުއްލިޔަކަށް ވަރަށް ބާރަށް އައި ސައިކަލެއް އަހަރެންގެ ގައިގައި ކިރިޔާ ޖެހޭ ނުޖެހޭވަރުގައި ބުރެކި ޖައްސާ މައިތިރިކޮށްލިޔެވެ. ސިއްސައިގެންގޮސް އަހަރެންނަށް މޫނުމަތީ ދެއަތްއަޅާ ވަރަށް ބާރަށް ހަޅޭލަވާގަނެވުނެވެ.

މުޅި ދުނިޔެ ހިނގުން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. މޫނުމަތީގައި އެޅި އަތުގެ ދެ އިނގިލި ދޭތެރެއިން “ފޭވެފައި” އިންތަންކޮޅުން ސައިކަލުގައި އައި ޒުވާނާ އެއިނީ ފެންނާށެވެ. އެތަކެއްހާސް އިހުސާސްތަކެއް އަހަރެންގެ ހިތުގައި ހިނގައިގަތެވެ. ހަޤީގަތުގައި މިހާރު ސައިކަލުން އަހަރެންގެ ގައިގައި ޖެހުނު ނަމައޭ އަހަރެން ހިތަށް އަރައެވެ. ނުޖައްސަންވީ ފަހެ ކީއްވެހެއްޔެވެ. އެއީ އެ ޒުވާނާއެވެ. އެ 'ކިއުޓް ބޯއީ' އެވެ. އަހަރެންނަށް އަބަދުވެސް ރީތިވެގެން އުޅޭ ޒުވާނާއެވެ. ސައިކަލުން ޖެހުނުނަމަ އަހަރެންނަށް އެޒުވާނާ ވާހަކަ ދައްކާނެއެވެ. އަހަރެން ވެއްޓުނުނަމަ އަތުގައި ހިފާ ކޮޅަށް ނަގައިދީ ‘ސޮރީ’ އޭ ބުނާނެއެވެ. އެވަރުން އަހަރެންނަށް ލިބޭނެހާ އަނިޔާތަކާއި އަހަރެންގެ ގައިގާ އަޅާނެހާ ވޭނެއްގެ ފަރުވާއަކަށް ފުދޭނެއެވެ. އަހަރެން އުދުހެމުންދިޔަ ހިޔާލީ ދުނިޔެއިން ނެރެ "ހަމަ ބިމަށް" ފޭބީ ސައިކަލުތަކުގެ ބަރުގޮނު އަޑުންނެވެ. އެވަގުތު އެޒުވާނާ "ސޮރީ ސިސް" އޭ ބުނެލިއެވެ. "ސިސް" އޭ! އޭމް އައި ދެޓް އޯލްޑް؟" މަޑުމަޑުން ކިޔަމުން އަވަސް އަވަހަށް އަހަރެން ދުވަމުން ކަހަލަ ގޮތަކަށް މަގު ހުރަސްކުރީމެވެ.

އޮފީހަށްވަދެ އަހަރެންގެ މޭޒު ކައިރީ އިށީންނަމުން ފެންފޮދެއް ބޯލީމެވެ. މީހާ ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން، އަތްދަބަހުން ‘ލޫސް ޕައުޑަރ’ ދަޅެއްނަގާ މޫނު ރީތިކޮށްލީމެވެ. ވަރަށް ފަރުވާތެރި ކަމާއިއެކުއެވެ. އަހަރެންނަކީ މޫނުގެ ހަންގަޑަށް ވަރަށް ބަލާގެން އުޅޭ މީހެއްކަމުން އަބަދުވެސް ވަރަށް ފަރުވާތެރިވަމެވެ. ފަހަރުގައި އަހަރެންގެ ރީތި ކަމުގެ އަސްލަކީ އަހަރެން ރީތިވުމަށް ލޯބިކުރާ މިންވަރު ކަންނޭގެއެވެ. ކުއްލިޔަކަށް އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. ފުރަތަމަ އަޅާނުލާ މޫނު ‘ޓަޗް’ ކޮށްލަ ކޮށްލާ އިންދާ އަނެއް މެސެޖް އައެވެ. ފުއްދަޅު ލައްޕާލުމަށްފަހު މޭކަޕް ދަބަހަށް ލަމުން އަތްދަބަހުން ފޯނުނަގާ ބަލައިލީމެވެ. ނުދަންނަ ނަންބަރެކެވެ.

މެސެޖް ހުޅުވާލިއިރު އެއީ ފޮޓޮއެކެވެ. އަވަސް އަވަހަށް އަހަރެންގެ މޭޒުމައްޗާއި އިށީނދެ އިން ގޮނޑި ހޯދާ ބެލީމެވެ. ނުފެނުނެވެ. އެއީ އަހަރެން ދެންމެ ސިންދިތާއިން ގަތް ފޮތިކޮޅެވެ. މެސެޖް ‘ސީން’ ވިކަން އެގުމުން އަނެއްކާވެސް އިތުރު މެސެޖެއް ލިބުނެވެ. ‘ދެން މި ލިބޭނީ ކޮފީއަކަށް ދާން އެއްބަސްވީމަ!’ ހެޕީ ފޭސްއަކާއެކު ލިބުނެވެ. އަހަރެން ރިޕްލައިއެއް ނުކުރަމެވެ. އެއްޗެއް ހަނދާންވުމުން ނަމްބަރު ކޮޕީކޮށްލުމަށްފަހު ވައިބާއިން ކާކުތޯ ބަލާލީމެވެ. ހަގީގަތުގައި އަހަރެން އިތުރަށްވީ ‘ތުޔެވެ’. އެއީ "އެ ކިއުޓް" ބޯއީއެވެ. މާފަށް އެދުމެއް ނޯވޭތަ؟ އަހަރެން ގެ މެސެޖް ލިބުމާއިއެކު ‘ޓައިޕިން’ އެރިއެވެ. ‘މާފަށް އެދޭނީ ކުށްކުރި މީހާ. ނުބަލާ މަގުހުރަސް ކުރަނީ ކީއްވެ؟ ޖެހުނު ނަމައޯ؟ އެނީވޭސް! މާފު ކޮށްފިން. މިރޭ 9 ޖަހާއިރު ދޮންމަނިކުން ސްކައި ވިއު‘ ފުލު ފުލުގައި މެސެޖްތަށް ލިބުނެވެ. ރިޕްލައިގައި އަހަރެން ފޮނިވެލަން ‘ލޮލް’ ޖަހާލީމެވެ. ސީން އެއް ނުކުރެއެވެ. އަހަރެން ކިތަންމެ ތުއިވާން އުޅުނަސް ހިތާ ސިކުނޑި ބުނަނީ މިހާރުންސުރެ ދޮންމަނިކު ސްކައި ވިއުގައި އެޒުވާނާއަށް އިންތިޒާރުކުރާށެވެ.

އޭނާއަށްވުރެ ބޮޑަށް އަހަރެން އެޒުވާނާއާއި ބައްދަލުވާން ބޭނުމެވެ. ދުވާލުގެ ދެން އޮތްބައި ހޭދަވީ އެ ޒުވާނާ އަހަރެންގެ ނަންބަރު ހޯދިގޮތާ ‘ޑޭޓަށް’ ދާނަންތޯ ނުވަތަ ނޫންތޯ ވިސްނުމުގައެވެ. އިރު އިރުކޮޅާ މެސެޖް ‘ސީން’ ކުރިތޯ ބަލާލެވެއެވެ. އޮފީހުގައި މަސައްކަތެއް ކުރާނެ މޫޑެއް ނެތުމުން ތިނެއް ޖެހުމާއިއެކު އަހަރެން އައީ ގެޔަށެވެ. އަހަރެންނަކީ އާމުކޮށް އޮފީސް ނިންމާފައި ނިދާ މީހެކެވެ. ނަމަވެސް މިއަދު އިރު އޮއްސެންދެންވެސް އަހަރެން ޖެހުނީ އެނދުގައި ފުރޮޅި ފުރޮޅި އޮންނަންތާއެވެ. ނިދީގެ ކަންފުޅެއްވެސް ނެތްތާގައި ވިސްނެނީ "ޑޭޓް" އާއި މެދުއެވެ.

"ޑޯ ބެލް" ރިންގުވާފެށުމުން އަހަރެން ތެދުވެގެންގޮސް ދޮރުހުޅުވާލީމެވެ. "މަންމާ. ކީއްކުރަނީ؟ ނުވެސް ގުޅަމެއްނު؟" " ގޮސް ފޯނު އޮންކޮށްބަލަ" އަހަރެންގެ ސުވާލުތަކަށް މަންމަގެ ކުރު ޖަވާބަކުން ފުއްދާލިއެވެ. މަންމަގެ ގައިގާ ބައްދާލާ ގެންގޮސް ސޯފާގައި ބައިންދުމަށްފަހު އަހަރެން ވަނީ ކޮޓަރިއަށެވެ. މޫނު ދޮވެލާ ރީތި ވެލައިގެން ފޯނުނަގައި އޮންކޮށްލީމެވެ. އަހަރެންނަށް ފުރަތަމަވެސް ބަލާލެވުނީ އެ ރީތި ޒުވާނާ އަހަރެންގެ މެސެޖް "ސީން" ކުރިތޯއެވެ. "ސީން" ކޮށްފިއެވެ. ނަމަވެސް ރިޕްލައިއެއް ނާދެއެވެ. އަހަރެން ވަރަށް ފޫހިވިއެވެ. "ހޫހޫމް! އަދި 6:10 މަންމަ އިރަކޮޅަކުން ދާނެ ! ސޯ އައި ހޭވް ޓައިމް ޓު ގެޓް ރެޑީ!" ހިތާހިތުން ކިޔާލީމެވެ. ކޮޓަރިން ބޭރަށް ނިކުތްއިރު މަންމަ އާއި ވާހަކަތަކެއް ދައްކަން ބައްފަވެސް ސޯފާގައި އިނެވެ.

އަހަރެން ވަރަށް ކުޑަރިރު މަންމަޔާއި ބައްޕަ ވަރިވެއްޖެއެވެ. އަހަރެންނަށް އެކަމުން ފަރުވާލެއް ނެތެވެ. އެވަރުގެ މަންމަޔަކާއި ބައްޕައެއް އަހަރެންނަކަށް ނުލިބޭނެއެވެ. މަންމަޔާއި ބައްޕަ ވަރިވެ ދެމީހުން މުޅިން ދެ ދިރިއުޅުމެއް އުޅެމުން ދިޔަ ނަމަވެސް އަހަރެންނަށް ދޭންވާ ލޯތްބާއި އަޅާލުމަކަށް ކުޑަވެސް ތަފާތެއް ނާދެއެވެ. ބޭނުންވި އެއްޗެއް ވަގުތުން ލިބެއެވެ. އާމުކޮށް އަހަރެން އުޅެ ބޮޑުވީ މަންމަގެ ގޭގައި ނަމަވެސް އަހަރެން "ވީކްއެންޓް" ގައި އުޅެނީ ބައްޕަގެ ގޭގައެވެ. އަހަރެންގެ މަންމައާއި ބައްޕައާއިއެކު "ޓްރިޕްތައް" ގޮސް ހަދަމެވެ. ސުކޫލް ބެލެނިވެރިންގެ ބައްދަލުވުމެއްނަމަ މަންމަ އަށްވުރެ ކުރިން ބައްޕަ އެތާގައި ހުރެއެވެ. ހަޤީގަތުގައި އަހަރެންނަކީ ވަރަށް ނަސީބު ގަދަ މީހެކެވެ.

"ބައްޕަ ކޮންއިރަކު ދުރުވީ؟" އަހަރެން އަހާލީމެވެ." މިހާރު ދަރިރުޅު ބައްޕަ ދެކިލަން ނާންނާތީ މިއައީ!" ހެމުން ހެމުން ބައްޕަ ބުނެލިއެވެ. އަހަރެންގޮސް ބައްބަގެ އަތުގައި އޮޅުލައިގަނެގެން އިށީނީމެވެ. "ދަރިފުޅާ މަންމަ އާއި ބައްޕަ ވަރަށްބޮޑު ވާހަކައެއް ދައްކަން މި އައީ." މަންމަ ސުރުހީ އަޅާލިއެވެ. "އޯކޭ! އެކަމު އަދި އަޅުގަނޑު މީހަކާވެސް ރައްޓެހި ނުވަން! އަދި އެކަހަލަ ކަމަކާ ނުވިސްނަން!" އަހަރެން ބުނެލީމެވެ. މަންމަ އާއި ބައްޕަ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހެމުން ހެމުން ކިޔޭނުކިޔޭ އެއްޗެއް ކިރިޔާ އެގޭވަރުގައި "މިއައީ ދަރިފުޅު މީހަކާ މެރީ ކުރުވާކަށް ނޫން" ބައްޕަ ބުނެލިއެވެ. އަހަރެމެންގެ ހުނުމަށް ހުއްޓުން އައީ ބައްޕަގެ ފޯނު ރިންގް ވާން ފެށުމުންނެވެ. "ލައްބަ ދަރިފުޅާ! ރަނގަޅު! އެ ގޯޅީގައި. ބޮޑު ގޭޓުލާފައި! " ބައްޕަ ފޯނު ބޭއްވިއެވެ. ބައްޕަ އެދެއްކީ އަހަރެންގެ އެޕާޓްމަންޓްގެ ވާހަކައެވެ. އަދި" ދަރިފުޅާއޭ ބުނެ މުހާތަބުކުކުމުން ބައްޕަގެ ހަގު ދަރިފުޅު އަޝްވިން، އަހަރެންގެ" ސްޓެޕް ބްރަދަރ" މި ބައްދަލުވުމަށް އަންނަކަން އަހަރެންނަށް ޔަގީންވިއެވެ. އަސްވިން ރާއްޖޭއިން ބޭރުގައި އުޅޭ ކުއްޖެއްކަމުން އަހަރެންނާއި ދުވަހަކުވެސް ބައްދަލެއް ނުވެއެވެ. އެހެންކަމުން އަހަރެން އިނީ ކޮށްކޮއާއި ފުރަތަކަ ފަހަރަށް ބައްދަލުވެވޭތީ ވަރަށް އުފަލުންނެވެ.

ތަޅުގައި މީހަކު ހިފުމުން މަންމަ ތެދުވެގެންގޮސް ދޮރު ހުޅުވިއެވެ. "ދަރިފުޅާ އަވަހައްވަދޭ" "އިށީނދޭ"" މަންމަ ބުނެލުމުން އަހަރެން ދޮރާއި ދިމާލަށް ބަލާލީމެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނޫން! ނޫން! ނޫން! އަހަރެންގެ ހިތާހިތުން ކިޔާލެވުނެވެ. އެއީ އަހަރެންގެ " ކޮއްކޮ" ހެއްޔެވެ.؟ އަހަރެނަށް ލިބުނީ ޝޮކެއް ނަމަވެސް އެކަން މަންމަ އާއި ބައްޕައަށް އެނގުނަކަ ނުދެމެވެ. "އަހަރެންގެ ކިއުޓް ބޯއި" އެއީ އަހަރެންގެ ކޮއްކޮ ހެއްޔެވެ؟ ޖަވާބު ނޭނގޭ އެތަކެއް ސުވާލުތަކެއް އަހަރެންގެ ހިތުގައި ހިނގައިގަތެވެ. "ދަރިފުޅާ މިއީ އަޝްވިން! މިއީ ބައްޕަގެ ދެވަނަ ދަރިފުޅު! ދަރިފުޅަށް އެނގޭނެ ބައްޕަގެ ވައިފް އެކްސިޑެންޓްވެ ލަންޑަންގައި ނިޔާވިކަން! އެހެންވެ އަޝްވިން އެކަނި އެކޮޅުގައި ނުބަހައްޓަން މާލެ މިގެނައީ! ބައްޕަ އޮންނާނީ އަޝްވިންނަށް ދަރިފުޅުގެ ހުރިހާ ވާހަކައެއް ކިޔާއިދީފަ! " އަހަރެންނަށް ހުރިހާކަމެއް ސާފުވާންފެށީ ދެނެވެ. އަޝްވިންއަކީ އަހަރެންގެ ބައްޕަގެ ދެވަނަ ކައިވެއްޔަށް ލިބުނު ދަރިއެކެވެ. އަސްވިންއާއި އަސްވިންގެ މަންމަ އުޅެމުން އައީ ލަންޑަންގައެވެ. މީގެ ދެމަސްކުރިން އަސްވިންގެ މަންމަ ނުރައްކާތެރި ކާރުއެކްސިރެންޓެއްގައި ނިޔާވީއެވެ.

"ދަރިފުޅާ ބައްޕަ ދަރިފުޅުމެންނާއި މި ބައްދަލުކޮށްލީ މަންމަޔާއި ބައްޕަ އަލުން ކައިވެނިކުރަން ގަސްތުކުރި ވާހަކަ ބުނެލަންވެގެން." މިއީ ދަރިފުޅުމެންގެ މުސްތަގުބަލަށް އެންމެ ރަނގަޅުގޮތްކަމަށް ބައްޕައާއި މަންމަ ދެކެނީ.!" ކީކޭ މިކަމާ ދަރިފުޅުމެން ބުނާނީ! ބައްޕަގެ ވާހަކަ ފެށިއެވެ. ހަގީގަތުގައި އެއީ އަހަރެން އަބަދުވެސް ބޭނުންވިގޮތެކެވެ. އެހެންކަމުން އަހަރެން އާއެކޭބުނީ ވަރަށް އުފަލުގައި އިނދެ ނަމަވެސް އަހަރެންގެ އިނީ ވަރަށް ލަދުގަނެފައެވެ. އިސް އުފުލާލައި އަހަރެންގެ ކޮއްކޮ އާއި ދިމާލަށް ބަލާލަންވެސް ނުކެރިފައެވެ. އަވަހަށް މި ބައްދަލުވުން ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އަޝްވިން މި ބައްދަލުވުން ވަރަށް "އެންޖޯއީ" ކުރާކަން އަހަރެންނަށް ޔަޤީނެވެ. އޭނާގެ ހުސްނުވާ ވާހަކަތަކުން އެކަން ޔަޤީންކޮށްދެއެވެ. "ސޯ ގާއީސް! ލެޓް ޑިނާރ ޓްގެދަރ!" ބައްޕަގެ މި ޖުމްލައާއިއެކު އަޝްވިން ފެށިއެވެ. "ނޯ ޑޭޑް! ވީ ހޭވް އަ ޑޭޓް! ރައިޓް ސިސް!" އަހަރެން ކޮށިވެސް އެރިއެވެ. އެއާއިއެކު މަންމަ އާޢި ބައްޕައަށް އެއްފަހަރާކަހަލަ ގޮތަކަށް ދެކުދިން އެކަކު އަނެކަކު ދަންނަންތޯ ސުވާލުކުރިއެވެ. "ޔެޕް! އައި އޯލްމޯސްޓް ކްރޭސް ހާރ ޓްޑޭ!" އަދި އަހަރެންގެ ފޮތި ކޮތަޅު ސައިކަލު މަޑިދަށުގައި އޮންނާނެ ކަމާއި އެ ދެންލިބޭނީ މިރޭ ޑިނާރއަށް ދިއުމުން ކަމުގައި އަޝިން ބުންޏެވެ. އަދި މަންމައާއި ބައްޕައަށް މިއަދު ހިނގި ހުރިހާކަމެއް އަޝްވިން ކިޔާދޭންފެށިއެވެ.

އަޝްވިންގެ ބެސްޓްފްރެންޓް އަރީސްއަކީ ބޭންކްގައި މަސައްކަތް ކުރާ ކުއްޖެކެވެ. އަރީސް ބްރޭކް ނިންމާފައި ލާންދަނިކޮށް އަހަރެންގެ ގައިގައި ސައިކަލުން ނުޖެހުނީ ކިރިޔާއެވެ. އަޝްވިންއަށް އަހަރެން ފެނުމުން ބައްޕަ ދެއްކި ފޮޓޯތަކުން އެއީ ދައްތަކަން އެނގުނު ކަމަށާ އަދި "ސޮރީ ސިސް" އޭބުނުމުން އެއްޗެހިތަކެއް ކިޔާފައި ދިޔައީކަމަށް އަސްވިން ކިޔާދިނެވެ. ލަދުގަނެގެންގޮސް ހަލާކުވެފައިއިން އަހަރެން އިސްއުފުލާލާ ބަލާލަންވެސް ނުކެރި ބައްޕަގެ އަތު ގައި ބައްދާލައިގެން މުޅި މީހާ ކުޑަވެލައިގެން އިނީއެވެ. އަޝްވިން ހާދަ "އިނޮސެންޓް" އެވެ. މިއީ ކިތަންމެ ބޮޑު އިއްތިފާގެއް ނަމަވެސް އަހަރެންނާއިމެދު އޭނާ އެކަހަލަ ގޮތަކަށް ނުދެކުމަކީ އެއީ އަހަރެންގެ ނަސީބެވެ. އަދި އަހަރެންގެ ނަންބަރު ބޭންކުން އަރީސް ހޯދިކަމަށާއި މިރޭ ޑިނާއަށް ދާން އުޅުނީ ސަޕްރައިސް ކޮށްލުމުގެ އިތުރުން އަރީސް އަހަރެން ކަމުގޮސްގެން ކިޔާވަރުން ކަމުގައި އަޝްވިން ބުންޏެވެ. އަދި އަޝްވިން އަހަރެންނަށް ބަލާލުމަށްފަހު "ސޮރީ ސިސް " އޭ ބުނެލިއެވެ.