އިސްރާއީލުގެ ޓެރަރިސްޓް ސިފައިންނާއި ފުލުހުން މިއަދުވެސް އަގްސާ މިސްކިތް ރެއިޑްކޮށް ފަލަސްތީނު އެތައް ބަޔަކަށް އަނިޔާކޮށްފިއެވެ.

އެގޮތުން، އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭގޮތުން މިސްކިތުގައި ނަމާދަށާއި ގުރުއާން ކިޔަވަންތިބި މީހުންނަށް ހަމަލާދީ އަދި ބާރުގެ ބޭނުންކޮށްގެން ފައްސާ ދުރަށް ލާފައި ވެއެވެ.

މިއީ، ޖެހިޖެހިގެން އިސްތިއުމާރީ އިސްރާއީލުން ޓެރަރިސްޓުން ފޮނުވައިގެން އަގްސާ މިސްކިތަށް ހަމަލާދިން ދެވަނަ ދުވަހުއެވެ. އިއްޔެވެސް މިސްކިތަށް ހަމަލާދީ އެތައް ބަޔަކަށް އަނިކޮށް މިސްކިތަށްވެސް ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

މިއަދުވެސް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަނެ ހަމަލާދީ ފަލަސްތީނު ރައްޔިތުން ފައްސާލީ، އިސްރާއީލުގެ ވަޒަންވެރިން އަޅުކަން ކުރަން އަގްސާގެ ގޯތިތެރެއަށް ވެއްދުމުގެ ގޮތުންނެވެ.

ފަލަސްތީނު ރައްޔިތުންނަށް އަނިޔާކޮށް، މިސްކިތުގެ ދޮރުތައް ބަންދުކުރުމަށްފަހު ހަތިޔާރާއެކު ތިބި ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގައި އިސްރާއީލުގެ 561 ޔަހޫދީ ވަޒަންވެރިން އަގްސާ މިސްކިތުގެ ގޯތިތެރެއަށް މިއަދު ވަދެފައި ވެއެވެ.

އިއްޔެއާއި މިއަދުވެސް އަގްސާ މިސްކިތައް ހަމަލާދިން އިރު، އިސްރާއީލުގެ ޓެރަރިސްޓު ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ފަތިހު ފަލަސްތީނު ރައްޔިތުން ފަތިސް ނަމާދަށް ތިއްވައި ދިން ކުއްލި ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ 400 އަށްވުރެ ގިނަމީހުން ހައްޔަރުކުރިއެވެ.

އިސްރާއީލުން އަގްސާ މިސްކިތުގެ ހަރިންމަތެރޭގައި ހިންގަމުންގެންދާ ޖަރީމާތަކާ ގުޅިގެން ފަލަސްތީނުގެ އެކި ރަށްތަކުގައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ އާންމުން ނުރުހުން ފާޅުކޮށް އަޑުއުފުލަމުން އެބަގެންދެއެވެ.

އަދި އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީއާއި، އަރަބި ލީގުންވެސް އިސްރާއީލު ކުށްވެރިކޮށްފައި ވާއިރު، ފަލަސްތީނުގެ ރަށްތަކުގައި އިސްރާއީލުން ކޮންމެ ދުވަހަކު ފަލަސްތީނު ރައްޔިތުން ޝަހީދުކޮށް، ބޮޑެތި އަނިޔާތައްކޮށް، ގެދޮރު ތަޅައި ސުންނާފަތިކުރާ އިރު ދުނިޔޭގެ ސުލްހައާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބޮޑެތި ގައުމުތަކުން އޮތީ ހިމޭނުންނެވެ.