ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކުން ނަގާ ކުންޏަށް އަަންނަ މަހުން ފެށިގެން ލާރި ނަގަން ފަށަން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނިންމައިފިއެވެ.
މީގެކުރިން ފްލެޓްތަކުން އުކާލަ ކުނި، ވެމްކޯއިން ނަގަމުން ދިޔައީ އެއްވެސް އަގަކާއި ނުލައެވެ. ސަބަބަކީ އެއީ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށި ދުވަސްވަރުކަމުން، އެފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން އެކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ޚިދުމަތްތައް އެސަރަހައްދަށް މެދުނުކެނޑި ފޯރުކޮށްދެމުންދާކަމަށެެވެ. އެހެންކަމުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވެމްކޯގެ ޚިދުމަތަށް ބިލް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ހިޔާ ފްލެޓްތަކަށް އެކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ މަހަކު 150.00ރ ގެ ރޭޓުން ބިލްކުރެވޭނެ ޚިދުމަތެއްކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓަރ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން ފޮނުވާނެއެވެ.
ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެކެވެ. އަދި މިނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް' ކެޕްސް ޙިދުމަތަށް އެދެވޭނެއެވެ، ކެޕްސް ޚިދުމަތަށް ބުކިންގ ހެދުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުމަށް ވެމްކޯއިން ވަނީ އެދިފައެވެ.