މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ކޯޓުތަކުން ވަކި ގޮތެއް ނިންމުމުގެ ކުރިން އޭނާއާއި ގުޅޭގޮތުން، ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ވާހަކައެއް ނުދައްކަން އަންގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަންގާ އަމުރެއް ނެރެފައި މިވަނީ، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާއި ގުޅިގެން ޕީޖީ ހުސައިން ޝަމީމްގެ އިތުރުން ބައެއް ވަކީލުން ފާޑިިޔަމުން ދާތީ، އެކަން ހުއްޓުވުމުގެ އަމުރެއް ނެރުދިނުމަށް އައްމަޓީގެ ވަކީލު އެދުމުންނެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލާފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމަށެވެ. އެހެންކަމުން ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، އަޙްމަދު މޫސާގެ ހައްގަށް އަސަރެއް ކުރާނޭ މޭރުމަކުން، ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ޤާނޫނުއަސާސީއިން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ޚިޔާލުފާޅުކޮށް ނުހެދުމަށް ވަނީ އަމުރުކޮށްފައެވެ.

މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމުގައި ބެލިދާނެ ޢަމަލެއްކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.

ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 20 ވަނަ ދުވަހުއެވެ.

ސީލައިފް ގްލޯބަލްއިން ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ވިއްކާ ކަމަށްބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމަށް ބުނާ މައްސަލާގައި އެކުންފުނީގެ ވެރިޔާ އަހުމަދު މޫސާ ހޯދުމަށް 2019 ވަނަ އަހަރު އިންޓަޕޯލް ރެޑް ނޯޓިސް ނެރެ، އޭނާ ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންކާއިންނެވެ.