ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، މެންޗަސްޓަ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިއެއް މަރުވެއްޖެއެެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހަތަރު ކުދިން މީގެކުރިންވެސް ލިބިފައިވާއިރު، އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އަނެއްކާވެސް ބަލިވެ އިން ކަމާއި، މިފަހަރު ލިބެނީ އެއް މާބަނޑު ދެބެއިން ކަން ރޮނާލްޑޯ ކުރިން ހާމަކޮށްފައިވެއެވެ.

މީސްމީޑިއާ މެދުވެރިކޮށް ރޮނާލްޑޯ އާއި ޖޯޖީނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުފަންވުމުގެ ތެރެއިން އޭނާގެ އެއް މާބަނޑު ދެބެއިންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެފައިވާ ކަމަށެވެ. އަދި މިއީ މަޔަކާއި ބައްޕައެއްގެ ހައިސިއްޔަތުން އެންމެ ހިތާމަކުރާނެ ކަންތައްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރޮނާލްޑޯ ބުނީ، ލިބުނު އަންހެން ދަރިފުޅަކީ، ފިރިހެން ދަރިފުޅުގެ ވަކިވުމުން ލިބުނު ހިތާމައިން އަރައިގަންނަން ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މިއީ އުފާވެރިކަމަށް އަލުން ރުޖޫއަވެވޭނެ ދުވަހެއް އަންނާނެ ކަމުގެ އުންމީދެއްކަމަށްވެސް ރޮނާލްޑޯ އާއި ޖޯޖީނާ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ލިބުނު އަންހެން ދަރިފުޅާއެކު ރޮނާލްޑޯގެ މިހާރު ޖުމްލަ 5 ދަރިން އެބަ ތިއްބެވެ. އެއީ ކްރިސްޓިއާނޯ ޖޫނިއަރ އާއި، މަޓިއޯގެ އިތުރުން އަންހެން ދެދަރިން ކަމުގައިވާ އީވާ އާއި އެލާނާ އަދި އަލަށް އުފަންވި އަންހެން ދަރިފުޅެވެ.

އަދި ހުރިހާ ކަމެއްގައި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބުނު އެހީތެރިކަމަށާއި، ކުރި މަސައްކަތަށް އިންތިހާއަށް ޝުކުރުވެރިކަމަށާއި، މިއީ މުޅި އާއިލާއަށްވެސް ކުރިމަތިވެފައިވާ ހިތާމައިގެ ދުވަސްތަކެއް ކަމުގައިވުމުން، ސަޕޯޓަރުންނާއި މީޑިއާތަކުގެ ކިބައިން މި ދުވަސްކޮޅުގައި އެ އާއިލާއަށް ބޭނުންވާ ޕްރައިވަސީ ދިނުމަށްވެސް ރޮނާލްޑޯ އެދިފައިވެއެވެ.