މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްވި ފިލްމު "ކޭ.ޖީ.އެފް ޗެޕްޓަރ2" އަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބި އިންޑިއާގެ ގިނަ ސިނަމާތަކަށް ބާރުބޮޑުވެއްޖެއެވެ.

ފިލްމަށް ޓިކެޓް ގަނެފައިވާ މީހުންގެ އަދަދު އިތުރުވުމާއެކު ބައެއް ތިއޭޓަރުތަކުގައިވަނީ ސީޓްތައްވެސް އިތުރުކޮށްފައެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް މިފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ފިލްމު އެނަލިސްޓުންވަނީ ލަފާކޮށްފައެވެ.

ފިލްމުގެ ޓިކެޓް ވިއްކުމުގެކުރިން ފިލްމަށް އެޑްވާންސް ބުކިންގް ހެދުމަށްވެސްވަނީ ހުޅުވާލާފައެވެ. މިއާއެކު އެންމެ ގިނަ އޮންލައިން ބުކިން ހެއްދި ފިލްމުގެ ރެކޯޑްވެސް މިފިލްމުވަނީ މުގުރާލާފައެވެ.

މީގެކުރިން މިރެކޯޑް ހޯދާފައިވަނީ ޑައިރެކްޓަރ ރާޖާމޯލީގެ ފިލްމު "ބާހޫބަލީ2" އަދި ހޮލީވުޑްގެ ފިލްމު "އެވެންޖަސް:އެންޑް ގޭމް" އެވެ.

އިންޑިޔާގެ އިތުރުންވެސް ދުނިޔޭގެ ތަފާތު އެކި ގައުމުތައް ހިމެނޭގޮތަށް ވީހާވެސް ގިނަ ބަޔަކަށް ފިލްމު ބެލޭނެ އިންތިޒާމު ތިއޭޓަރ ހިންގާ ފަރާތްތަކުންވަނީ ހަމަޖައްސާފައެވެ.

އެގޮތުން ބައެއް ޤައުމުތަކުގައި ހެނދުނު 6:00 އިން ފެށިގެން ފިލްމު އަޅުވާފައިވާއިރު ބައެއް ޤައުމުތަކުގައިވަނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 12:00 ޖެހުމާ ހަމައަށްވެސް ފިލްމުގެ ޝޯވްތައް އަޅުވާފައެވެ. މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ފިލްމު ބެލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމެވެ.

ހިންދީ، ތަމަޅަ. ތެލުގޫ، މަލަޔާޅަމް އަދި ކަންނާޑާ ބަހުރުވައިން ނެރެފައިވާ މިފިލްމުގެ ހިންދީ ވާޝަންއަށްވެސް ފިލްމު ނެރުނު ދުވަހު 53.35 ކްރޯޑް ރުޕީސްވަނީ ލިބިފައެވެ. މި އަދަދާއެކު މިފިލްމުވެފައިވަނީ ހިންދީ މާކެޓްގައި އާމްދަނީގެގޮތުން ފެށުން އެންމެ ރަގަޅު ފިލްމުގެ މަގާމު ހޯދާފައެވެ.

"ކޭ.ޖީ.އެފް" ގެ ފުރަތަމަ ބައިވެސް ޑައިރެކްޓްކޮށްފައިވާ ޕްރަޝާންތް ނީލްގެ މިފަހަރު ޑައިރެކްޝަންވެސް ބެލުންތެރިންވަނީ ބަލައިގަނެފައެވެ. މިފިލްމަކީ 2018 ވަނަ އަހަރު ރިލީޒްވި ފިލްމުގެ ސީކުއެލްއެކެވެ. ފިލްމު

"ކޭ.ޖީ.އެފް" ގެ ސީރީސްއާއެކު ފިލްމުގެ މައި ލީޑްއިން ފެންނަ ކަންނާޑާގެ އެކްޓަރު ޔަޝްއަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެތައްބައެއްގެ ތަރުހީބުވަނީ ލިބިފައެވެ.

މިފިލްމާއެކު އެކްޓަރު ޔަޝް މިހާރު ހިމެނެނީ ކަންނާޑާގެ އެންމެ އަގުބޮޑު ފިލްމު އެކްޓަރުންގެ ތެރޭގައެވެ.

ޖުމްލަ 13 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ މިފިލްމަށް ލިބެމުން އަންނަ ތަރުހީބާއެކު ފިލްމު އެނަލިސްޓުން ލަފާކުރާގޮތުގައި ފިލްމަށް މާބޮޑަށްވެސް އާމްދަނީގެގޮތުން ބޮޑު ފައިދާއެއް ވާނެއެވެ.

ޔަޝްގެ އިތުރުން ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެތެރޭގައި އެކްޓަރު ސަންޖޭ ދަތު އަދި ބަތަލާ ރަވީނާ ޓަންޑަން ހިމެނެއެވެ. މިއީ މި 2 ތަރިންވެސް ކަންނާޑާ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ފިލްމުގައި އެކްޓަރު ސަންޖޭ ދަތާއި މެއިން ލީޑް ޔަޝްއާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާތަން ޓްރެއިލައަށް ބަލާލިކަމުގައިވިޔަސް އެނގިގެންދެއެވެ. ހަމައެއާއެކު ބަތަލާ ރަވީނާވެސް ފިލްމުގައި ފެނިގެންދަނީ ވަރަށް ވަރުގަދަ ރޯލްއަކުންނެވެ.

ފިލްމުގެ މިފަހަރުގެ ސީކުއަލްއަށް އާއްމުންގެ ތަރުހީބު ލިބޭގޮތަކުން މީގެ 3 ވަނަ ބައެއް ގެނެސްދިނުމާމެދު ވިސްނާނެ ކަމަށްވެސް ޑައިރެކްޓަރު ނީލްވަނީ ބުނެފައެވެ.

އެހެންކަމުން "ކޭ.ޖީ.އެފް"ގެ ސީރީސްތަކަށް ނިމުމެއް އައުމާމެދު ގޮތެއް ނިންމަން އަދި މާ އަވަހެވެ.

https://www.youtube.com/watch?v=JKa05nyUmuQ