މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިކޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް އަތްޕުޅުގައި އެބައޮތް ކަމަށް ވިދާޅުވެ، އެ ރިޕޯޓް ހާމަކުރަންޖެހިދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ނަޝީދު މި މޭރުމުން އިންޒާރުދެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެެޕް ގްރޫޕްގައި ކުރެއްވި މެސެޖެއްގައެވެ.

އެމްޑީޕީގެ ލީޑަރު، ރައީސުލްހުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ މެމްބަރުނާއި އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންނާ ދެމެދުގައި ޚިޔާލު ތަފާތުން އުފެދިފައިވާއިރު، ޕާޓީގެ އެތެރޭގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނަތް ނުބެލޭ ކަމަށް ވިދާޅުވެ، ގައުމީ މަޖިލީހުގައި ތިއްބަވާ ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އިއްޔެ ވަނީ ވާހަކަދައްކަވާފައެވެ. އަދި ރިކަވަރީ ކޮމިޝަން އުވާލެއްވުމާއި ގުޅޭގޮތުން ފާޑު ވިދާޅުވިއެވެ. އެކަމަށް ރައްދު ދެއްވާ ސަރުކާރަށް ތާއިދުކުރައްވާ މެންބަރުން ވަނީ އެ ކޮމިޝަން އުވާލެއްވި ސަބަބު ސާފްކޮށްދެއްވާފައެވެ.

އަދި އެ ކޮމިޝަންެގެ ރައީސް ކަމުގައި ހުންނެވި އަހްމަދު އައްސަދު، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯ ހިއްސާކޮށް މެންބަރަކު ވިދާޅުވީ، އެ ކޮމިޝަން އުވާނުލެއްވިއްޔާ ދެރަ ކަމަށެވެ. އަދި އައްސަދުގެ އަމަލުތައް ހުރިގޮތާއި ގުޅޭގޮތުން ވާހަކަދެއްކެވިއެވެ.

މެންބަރުންގެ މި ވާހަކަތަކާއެކު ނަޝީދު ވަނީ އެމްއެމްޕީއާރްސީގެ ރިޕޯޓް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށް ވިދާޅުވެފައެވެ.

އަދި އޮޅުން އަރާ ކަމަކަށް ވާނަމަ ރިޕޯޓް ހާމަކުރަން ޖެހިދާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވިއެވެ.