އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންގެ މަތިންދާބޯޓުތަކުން ފަލަސްތީންގެ ޣައްޒާއަށް ބޮން އަޅައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އިސްރާއީލުން ބޮންއެޅީ ފަލަސްތީނުގެ ވެރިކަން ކުރާ ހަމާސް ޖަމާއަތުން ރޮކެޓް އުފައްދައި އަދި ރައްކާކުރާ ގުދަންތަކަކަށެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ އަސްކަރީ މަތިންދާބޯޓުތަކުން ދެކުނު ޣައްޒާ ޚާން ޔޫނިސް ސަރަހައްދަށް ހުއްޓުމެއް ނެތި އެތައް ފަހަރަކު ބޮން އެޅީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ހަމާސުން އިސްރާއީލަށް ރޮކެޓު ހަމަލާތަކެއް ދިނުމުންނެވެ.

އިސްރާއިލުން ދިން ބޮމުގެ ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ. ހަމަލާގެ ސަބަބުން މީހަކަށް އަނިޔާވިކަމަށް ނުވަތަ މަރުވިކަމަށް މިހާ ތަނަށް މީޑިއާތަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި ސިފައިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަލަސްތީންގެ އާންމުންނަށް އަނިޔާކޮށް އާންމު ތަންތަނަށް ބޮން އަޅައި ގެއްލުން ދެއެވެ. ކޮންމެ ރޯދަ މަހަކު ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކަށް އިސްރާއިލު ސިފައިންނާއި ފުލުހުން އަނިޔާކުރާއިރު ގިނަ އަދަދެއްގެ މީހުން މަރުވެސްވެފައިވެއެވެ.

އިސްރާއީލުގެ ޓެރަރިސްޓް ސިފައިންނާއި ފުލުހުން އިއްޔެ ވެސް ވަނީ ފަލަސްތީނުގައި ހުންނަ އަގްސާ މިސްކިތް ރެއިޑްކޮށް ފަލަސްތީނު އެތައް ބަޔަކަށް އަނިޔާކޮށްފައެވެ.

އެގޮތުން، އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭގޮތުން މިސްކިތުގައި ނަމާދަށާއި ގުރުއާން ކިޔަވަންތިބި މީހުންނަށް ހަމަލާދީ އަދި ބާރުގެ ބޭނުންކޮށްގެން ފައްސާ ދުރަށް ލާފައި ވެއެވެ.