ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަޕޯޓަރުންތަކެއް ވުޖޫދުކުރި ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ތަފާތު ނަމެއް ކީނަމަވެސް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މުހިންމު ގިނަ ސިފަ ތަކެއް އެކުލެވޭ، އެކުލަބުގެ ރަމްޒެއް ކަމުގައި ފެންނާތީ ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓަށް ފުރުސަތު ދިނުން މަޑު ޖައްސާލުމަށް އޭއެފްސީން އެފްއޭއެމް އަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ކަނޑައަޅައި އެފް.އޭ.އެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަށް ބައިވެރި ނުވެވޭނެ ކަމަށް އެފްއޭއެމް އިން އެކުލަބަށް އަންގާފައިވާ ކަމަށެވެ. އަދި މިއީ ސަރަހައްދީ ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، އޭއެފްސީން ނިންމާފައިވާ ނިންމުމެއްކަން އެފްއޭއެމް އިން އެކުލަބަށް އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް މިކަމާ ގުޅިގެން "ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ރޭޑިއަންޓަށް ފުރުސަތު ނުދޭން ނިންމީ ނޫން ކަމަށާއި، މިއީ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމުގައިވުމުން، އޭއެފްސީން ރޭޑިއަންޓަށް ފުރުސަތު ދިނުން މަޑުޖައްސާލަން އެންގުމުން، އޭއެފްސީގެ އެ އެންގުން ރޭޑިއަންޓާއި ހިއްސާ ކުރީ ކަމަށެވެ.

އަދި ކުރީ ބައިގައި އެފްއޭއެމް އިން މިކަން ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ހިއްސާކުރީ، އެކުލަބުން ތިންވަނަ ޑިވިޝަނުގައި ކުޅެން ބޮޑެތި މަސައްކަތްތަކެއް ކޮށް، ގިނަ ހަރަދުތަކެއް ކުރަމުންދާތީ، މި ނިންމުން އޭއެފްސީން ނިންމިކަން ކުލަބަށް ނޭނގި އޮވެގެން އެކުލަބަށް ވެދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށްވެސް ޖަވާ ބުނެފައިވެއެވެ.

ޖަވާ އިތުރަށް ވިދާޅުވީ، ރޭޑިއަންޓުން ރަޖިސްޓްރީ ކޮށްފައިވާ ނަމާއި، ލޯގޯ އާއި އަދި ކުލަތަކަކީ ނިއު ރޭޑިއަންޓުންވެސް ބޭނުންކޮށްފައިވާ ކުލަތައް އެއްޗެހި ތަކަކަށްވުމުން، އޭއެފްސީން ސުވާލު އުފެއްދި ކަމަށެވެ. ހާއްސަކޮށް ނިއު ސަސްޕެންޑް ކޮށްފައި އޮތީ ބިދޭސީ ކުޅުންތެރިންވެސް ހިމެނޭހެން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައެއްގައި ކަމަށްވާއިރު، އެކުލަބު ރަމްޒުކޮށްދޭ ގިނަ ސިފަތަކަކާއިއެކު އެހެން ކުލަބެއް ނެރުމުން، މުސާރަ ނުލިބިވާ ކުޅުންތެރިންގެ ފަރާތުންވެސް ޝަކުވާ އަންނަ ކަމާއި، އަންނާނެކަން ފާހަގަކޮށް، ބަލަން ޖެހޭ އިތުރު ކަންތައްތަކެއް ބަލާ ނިމެންދެން ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި އަދި ރޭޑިއަންޓަށް ފުރުސަތު ނުދިނުމަށް އޭއެފްސީން އެންގީ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

އަދި އޭއެފްސީން ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ފުޓުބޯޅައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަކްސެސަރ އެއް ކަމަށް ސުވާލު އުފައްދާފައިވާކަންވެސް ޖަވާ ހާމަކުރެއްވިއެވެ. އަދި މިއީ އެއްވެސް ހާލެއްގައި އެފްއޭއެމް އިން ނިންމި ނިންމުމެއް ނޫން ކަމަށާއި، މިކަމުގައި އެފްއޭއެމް ޝާމިލްވާ ހަމައެކަނި ގޮތަކީ، އޭއެފްސީގެ އެންގުމަށް ރޭޑިއަންޓާއި ގުޅުންހުރި މައުލޫމާތުތައް އެ އިދާރާ އާއި ހިއްސާ ކުރުން ކަމަށް ޖަވާ ވިދާޅުވިއެވެ.

އަދި އޭއެފްސީން އެންގި ގޮތަށް، ރޭޑިއަންޓުގެ މައުލޫމާތު ހޯދުމަށް ބެލިއިރު، ރޭޑިއަންޓުން އެފްއޭއެމް އާއި މުއާމަލާތް ކޮށްފައި ނުވާތީވެ، މި މައުލޫމާތުތައް ހޯދީ ސްޕޯޓްސް ކޮމިޝަނަރުގެ ފަރާތުންކަން ޖަވާ ފާހަގަކުރެއްވިއެވެ.

އޭއެފްސީން ރޭޑިއަންޓާއިމެދު ކަންބޮޑުވާ އަނެއް ސަބަބެއް ކަމުގައި ޖަވާ ވިދާޅުވީ، ރޭޑިއަންޓުގެ ހިންގާ ކޮމިޓީގައި ނިއު ރޭޑިއަންޓުގެ ބޯޑުގައިވެސް ތިބި ބައެއް ފަރާތްތައް ތިބުން ކަމަށް ޖަވާ ބުނެފައިވެއެވެ.

ރާއްޖޭގައި އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުންގިނަ އެއް ކުލަބުގެ ގޮތުގައި އަބަދުވެސް ނިސްބަތްކުރެވޭ ނިއު ރޭޑިއަންޓަށް އަލުން ފުޓުބޯޅައިގެ ތެރެއަށް އައުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވުޖޫދުވުމާއެކު އެކުލަބުގެ ޒަމާންވީ ސަޕޯޓަރުންގެ މެޗުގައި އަނެއްކާވެސް ދިވެހި ފުޓުބޯޅައިގެ ފޯރި އިތުރުވެ، ވަރުގަދަވެގެންދާނެކަމަށް ބެލެވުނެވެ.

މި އުންމީދުގައި އެކުލަބުން ތިންވަނަ ޑިވިޝަނުން ފަށަން ޖެހުނު ކަމުގައިވީނަމަވެސް، ދިވެހި ފުޓުބޯޅައިގެ އެންމެ އުހުގައި ވަރަ ފަތުރާލުމަށް ކުރާ މަސައްކަތުގެ ތެރެއިން ތަޖުރިބާކާރު ކޯޗިންގް ޓީމެއް ޓީމަށް ގެނެސް، ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއްވެސް ޓީމަށް ގެނެސްފައިވެއެވެ.

އެގޮތުން ޓީމުގެ ހެޑް ކޯޗަކަށް ނިއުރޭޑިއަންޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ސޮބާހު މުޙައްމަދު ހަމަޖެއްސިއިރު، އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ނިއުރޭޑިއަންޓްގެ ކެޕްޓަންކަންކޮށް ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި މިޑްފީލްޑަރ އަހުމަދު މުޙައްމަދު (އައްމަޑޭ) ވަނީ ހަމަޖައްސާފައެވެ. އައްމަޑޭ ހަރަކާތްތެރިވާން އޮތީ އެސިސްޓަންޓް ކޯޗް / ކުޅުންތެރިއެއްގެ ގޮތުގައެވެ.

ކުޅުންތެރިންގެ ގޮތުގައިވެސް ރޭޑިއަންޓުގައި ނިއު ރޭޑިއަންޓުން ފާހަގަކޮށްލެވޭ މޫނެއް ފެނިގެންދާނެއެވެ. އެއީ ގައުމީ ޓީމަށްވެސް މީގެކުރިން ކުޅެފައިވާ މުހައްމަދު ސިފާން (ކުޑައްޓޭ) އެވެ.

އެހެންނަމަވެސް ބޮޑު އުންމީދަކާއެކު ރޭޑިއަންޓުން ދިވެހި ފުޓުބޯޅައިގެ އެންމެ އުހަށް ދަތުރުކުރުމަށް ކުރަމުން އައި މަސައްކަތަށް މިވަނީ ހުރަސް އެޅިފައެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީގައެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ.