ލައިލަތުލް ޤަދްރިއަކީ ކޮބާ ހެއްޔެވެ؟ އެއީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އެރޭގައި ކީރިތި ޤުރްއާން ބާވައިލެއްވުނެވެ. އެ ރޭގައި ކުރިއަށް އަންނަ އަހަރުގެ ހުރިހާ ކަމެއް ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރައްވައި ކަނޑައަޅުއްވައެވެ. އެރެއަކީ ހަގީގަތުގައި ވެސް ބަރަކާތްތުން ފުރިގެންވާ ރެއެކެވެ.
ޢިލްމުވެރިން ބުނަނީ، ލައިލަތުލް ޤަދްރިއަކީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއް ކަމަށެވެ. އާންމު ރޭރޭހެން ލައިލަތުލް ޤަދްރި ފެށޭނީ އިރުއޮއްސުމުންނެވެ. ނިމޭނީ ފަތިސް ވަޤުތާއި ހިސާބަށެވެ. އެރޭގައި ކުރާ އަޅުކަން 1000 މައްސަރުގައި ކުރާ އަޅުކަމަށްވުރެ ޘަވާބުގެ ގޮތުން އިތުރުވެގެންވާ ކަމަށް ވެއެވެ. 1000 މައްސަރަކީ 83 އަހަރަށްވުރެ ގިނަ ދުވަހެވެ. ކޮން ފަދަ ހެޔޮ ޚަބަރެއްތޯއެވެ؟ ލިބިގަންނަން ނޭދޭނީ ކާކުތޯއެވެ؟
އެރޭ ޖިބްރީލްގެފާނާއި މަލާއިކަތްބޭކަލުން ރަޙްމަތާއި ބަރަކާތާއިގެން ބިމަށް ފައިބައިވަޑައިގަންނަވާނެއެވެ. އެރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.
ލައިލަތުލް ޤަދްރި ހޯދަން އެދޭ މީހާ ރޯދަ މަހުގެ ފަހުދިހައެއްގެ ރޭތަކުގައި އަޅުކަމުގައި މަސްއޫލުވުން ހުއްޓެވެ. އެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އެ ޝަރަފުވެރި، މަތިވެރި ރޭގައި ދަމުނަމާދު ކުރުމާއި އިޢުތިކާފުކުރުން ޝަރުއުވެގެންވެއެވެ. ފަހެ ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ފަހު ދިހައިގައި އިޢުތިކާފުކުރެއްވިއެވެ. އެއީ ލައިލަތުލް ޤަދްރި ޙާޞިލްކުރެއްވުމަށް ޓަކައެވެ.
އިޢުތިކާފްކުރުމަކީ ﷲ އާއި ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި މަޑުކުރުމެވެ. ރޭގަނޑު ނުވަތަ ދުވާލު ކަމުގައިވިޔަސްމެއެވެ.
ލައިލަތުލް ޤަދްރި ހޯދަން އެދޭ މީހާ އެރޭ ދުޢާކުރުން ޝަރުޢުކުރެއްވިއެވެ. އަދި ދުޢާކުރުމުން ﷲ އާއި ކުއްތަންވުން ޝަރުޢުވެގެންވެއެވެ. ލައިލަތުލް ޤަދްރިއަކީ އެރެއެއްގައި ދުޢާ އިޖާބަކުރެއްވޭނެކަމުގައި އެންމެ ބޮޑަށް ބެލެވޭ ރެއެވެ. އެހެންކަމުން އެރޭ ގިނައިން ދުޢާކުރުން އެދެވިގެންވެއެވެ.
މި ނޫނަސް އެ ރޭގައި ގިނަގިނައިން ހެޔޮ އަމަލުތައް ކުރުމާއި ޒިކުރުކުރުން އެދެވިގެން ވެއެވެ.
އެރެއަކީ ލައިލަތުލް ޤަރްދިއެވެ. ފަހެ، އެހެން ވުމުން އެ ރެއަކީ ވިސްނުމަށް ނުގެވޭނެވަރުގެ ޝަރަފާއި ކަރާމާތާއި ޤަދަރުވެރި ރެއެކެވެ. ކުރިއަށް މި އޮތީ ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކެވެ. އެންމެ ދިހަ ރެއެވެ، އެ ރޭތަކުގައި ލައިލަތުލް ޤަދްރި ވާނެ ކަން ކަށަވަރެވެ.