މާލޭގެ ބޮޑެތި އިމާރާތްތަކުގައި، އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސް ބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާއި ހިލާފު ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ނަޝީދު މި ގޮތަށް ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ބޮޑު ބެނާއެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހަރުކުރުމުން އެކަމަށް އިޝާރަތްކުރައްވަމުންނެވެ.

ނަޝީދު ވިދާޅުވީ މާލޭގެ ބޮޑެތި އިމާރާތްތަކުގައި އަވައްޓެރި ގައުމުތަކާއި ގުޅޭ ގޮތުން ބަދުބަސް ބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުޤޫބާތާއި ހިލާފު އަދި އާއްމު މަސްލަހަތާއި ހިލާފް ކަމެއްކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އެތަކެތި ވަގުތުން ނަގަން ޖެހޭނެކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައި 15 ފަންގިފިލާއަށް އިމާރާތްކުރަމުންދާ ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާގައި ހުރީ ރާއްޖޭގެ ގައުމީ ދިދައިގައި ހިމެނޭ ފެއްސާރައި ރަތާއި ހުދު ކުލައެވެ. އަދި އެ ބެނާގައި ވަނީ ރަތް ކުލައިން "އިންޑިއާ އައުޓް" ލިޔެފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ، "އިންޑިއާ އައުޓް" ހަރަކާތަކީ ސީދާ ކުރީގެ ރައީސް ޔާމީންގެ އިސްނެންގެވުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންދަނީ އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުމުން، އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ގޮތުން، އެ ކަމަށް ގޮވާލައި އަޑު އުފުލުމުގެ ބޭނުމުގައެވެ.