ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގދ. ވާދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
މިއަދު ހުޅުވި މި އޭޓީއެމް ސެންޓަރަކީ އެ ބޭންކުން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ. މި އޭޓީއެމް ސެންޓަރުގެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއިލް މައުލޫމާތުދެއެވެ.
އޭޓީއެމް ސެންޓަރގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ދަނީ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިން ބުނީ ފަރެސްމާތޮޑާ އަދި ވާދޫގައި ދަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވި ހިދުމަތްދެމުން ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެބޭންކުން ބުނެއެވެ.